އަމީނީމަގުގެ މަސައްކަތް ފެށުން ލަސްވަނީ މަސައްކަތުގެ ސްކޯޕަށް ބަދަލެއް ގެންނާތީ: އާރްޑީސީ
8 ޖޫން 2026 - 06:05

އަމީނީމަގުގެ ހުޅަނގަށްވީ ބައިގައި އަޅާފައިވާ ތާރުގަނޑު ނަގައި, އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ކުރަން ފެށުން ލަސްވަނީ ހައުސިން މިނިސްޓްރީން އެ މަސައްކަތުގެ ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހިފައިވާތީ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ،ސައްކަތް ފެށުން ލަސްވަނީ އެ މަސައްކަތުގެ ސްކޯޕަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބަދަލު ގެނައުމުގެ ވިސްނުމެއް އޮތުމުގެ ސަބަބުން ކަމަށެވެ.

Ad by Hajj Corporation
މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތައް ކުރެހުމަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ނަޒީމް ވިދާޅުވީ، ބެލެވޭ ގޮތުގައި މިނިސްޓްރީން ގެންގުޅެނީ މަގުތަކުގެ ސާވޭ ހަދާއިރު، އެ މަސައްކަތުގެ ދަށުން އަމީނީމަގުގެ ތާރުގަނޑު ރަނގަޅުކުރުމުގެ މަސައްކަތް ކުރުމުގެ ވިސްނުމެއް ކަމަށެވެ.
އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަކަމަށާއި މިކަން ކުރަން ނިންމީ މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްގީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ކަމަށެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެއްވިއެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އޭއާއެކު ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެ ލޭނު ވަރަށް ބޮޑަށް ހަލާކުވިއެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.


