ފިލްމީ ތަރި ނިއުމާ ސޮއި ކުރީ ކޮން ޕާޓީއަކަށްބާ؟
8 ޖޫން 2026 - 07:00

ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އަދި އެންމެ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ޕާޓީއަށް ސޮއިކޮށްފިއެވެ.
ނިއުމާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 'ޕާޓީއަށް ސޮއިކޮށްފިން" ކަމަށެވެ. ނަމަވެސް އެއީ ކޮން ޕާޓީއަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

Ad by Hajj Corporation
ނިއުމާ މިފަދަ ސްޓޭޓަސް އެއް ޖަހާފައިވާއިރު، އައިފިލްމްސް އިން އަލަށް ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓުގެ ނަމަކަށް ކިޔަނީ ވެސް 'ޕާޓީ' އެވެ. އަދި އެ ޕާޓީ އަށް ކާސްޓުން ހޯދުމަށް ވެސް ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން 2 މަހާއި 8 މަހާ ދެމެދުގެ ދެ ކުދިންނާއި 4 އަހަރާއި 6 އަހަރުގެ ދެމެދުގެ އަންހެން ކުދިންނާއި 10 އަހަރާއި 12 އަހަރުގެ ދެމެދުގެ ދެ އަންހެން ކުދިން ބޭނުންވާކަމަށް ބުނެއެވެ. އަދި 50 އަހަރުން މަތީގެ އަންހެނަކާއި 18 އަހަރުން މަތީގެ އަންހެނުންނާއި ފިރިހެނުން ބޭނުންވާ ކަމަށް ވެސް އެ ޕްރޮޑަކްޝަނުން ބުނެއެވެ.
އައި ފިލްމްސް އިން ބުނީ މި ކެރެކްޓަރތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެ ޕްރޮޑަކްޝަންގެ މީސްމީޑިއާގެ އެކި މަންސަތަކަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ.
އައިފިލްމްސްގެ 7 ވަނަ އަހަރީދުވަހާ ގުޅުވައިގެ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިއިއުލާން ކޮށްފައިވާ ފީޗަރ ފިލްމު "ޕާޓީ" އަކީ ނުދައްކާ ވާހަކަ ދައްކަން ހަދާ ފިލްމެއް ކަމަށް ވަނީ ބުނެފައެވެ. މި ފިލްމުވެސް ލިޔެ ޑައިރެކްޓްކުރާނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. މިއީ ދިވެހި މުޖުތަމައުގައި ހުރި ކަންކަމުން އިންސްޕަޔަރވެގެން ގެނެސްދޭ ފިލްމެއް ކަމަށް ބުނެއެވެ.
މި ފިލްމުގެ ކާސްޓުންނަކީ ކޮބައިކަން އަދިހާމައެއް ނުކުރެއެވެ. ނަމަވެސް މި ފިލްމުގައި ވެސް ގިނަ ތަރިންތަކެއް އުޅޭނެކަން މިވަނީ ހާމަވެފައެވެ.
ކޮންމެއަކަސް އައިފިލްމްސް އިން އުފައްދާ ފިލްމުތަކުގެ ތަރީން ހާމަކުރަނީ ސަޕްރައިޒްކޮށްނެވެ. އެގޮތުން މިފަހުން އުފެއްދި 'ލޯބިން' ގެ ތަރީންނަކީ ކޮބައިކަން ވެސް ހާމަކުރީ ފިލްމުގެ ޝޫޓިންގ ބޮޑުބައެއް ނިމުނުފަހުން ސަޕްރައިޒްގޮތަކަށެވެ.
އެހެންކަމުން 'ޕާޓީ' ގައި ވެސް އެފަދަ ސިއްރުތަކެއް އެކިލެވުގެންވާނެކަމަށް ބެލެވެއެވެ. އަދި ކުޅަދާނު ތަރީންނާއި އަލަށް ފިލްމީ ދާއިރާ އަށް ނުކުންނަ ތަރިން ވެސް ހިމެނޭނެ ކަމަށް ބެލެވެއެވެ.
ކޮންމެއަކަސް އައިފިލްމްސްގެ 'ޕާޓީ" އަށް ނިއުމާ ސޮއިކުރިނަމަ، މިއީ ފިލްމީ ދާއިރާއަށް ލޯބިކުރާ އަދި ނިއުމާގެ ފޭނުންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.


