ވަޠަނީ ޚިދުމަތުގެ 3ވަނަ ބުރުގެ ކުދިން ތަމްރީނަށް ފުރައިފި
8 ޖޫން 2026 - 11:19

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގެ ކުދިން ތަމްރީނަށް ޅ. މާފިލާފުއްޓައް ފުރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގގެ 3 ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށެވެ.

Ad by Hajj Corporation
އަދި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށިގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚުލާޤާއި ސުލޫކު، ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދެވޭނެކަމަށް ވިދާޅުވިއެވެ.

އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިޔަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.
ނޭޝަނަލް ސަރވިސް ޓްރޭނިންގގެ 3 ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިޞްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ބައިވެރިވާ ކަމަށާއި، ހުރިހާ ބައިވެރިންނަށްވެސް ސާބިތުކަމާއި ކާމިޔާބަށް އެދޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


