ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް: އެމްއޭސީއެލް އެމްޑީ
8 ޖޫން 2026 - 12:24

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީ މިހެން ވިދާޅުވީ ވީއައިއޭ ގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން "ބޮލި" އިނިޝިއޭޓިވްގެ ދަށުން "ކާމް ރޫމް" އެއް އެމްއޭސީއެލްއިން ހުޅުވުމާ ގުޅިގެންނެވެ. ވީއައިއޭގެ ޓަރމިނަލް 1 ގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޫން 7 ވީ އާދީއްތަ ދުވަހު މި ކާމް ރޫމް ހުޅުއްވައިދެއްވީ ވެސް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

Ad by Hajj Corporation
މި ރަސްމިްއޔާތުގައި ޝަރީފް ވިދާޅުވީ މިއީ ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މިއީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ތަނެކެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ދަތުރުގެ މާހައުލަކީ އެންމެ އެކަށީގެންވާ ޚިދުމަތެއް ލިބިގެންދާ މާހައުލަކަށް ހެދުމުގެ މުހިންމު އަމާޒަށް ވާސިލްވުމަށް އެމް.އޭ.ސީ.އެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. "ބޮލި" މި ނަމުގައި ތަޢާރަފްކުރެވުނު މި ޚިދުމަތުގެ ދަށުން، ޚާއްސަ އިންތިޒާމްތަކާއެކު ކާމް ރޫމްގެ ޚިދުމަތް ފަސިންޖަރުންނަށް ލިބިގެންދާނެއެވެ.
ދުނިޔޭގެ ގިނަ އެހެނިހެން އެއަރޕޯޓުތަކުގައި ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ 'ބޮލި' ޕްރޮގްރާމްގެ ދަށުން ތަރައްގީ ކުރި ކާމް ރޫމަކީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް އެއަރޕޯޓުގެ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ސެންސަރީ ވަސީލަތްތައް ޤާއިމްކުރެވިފައިވާ ތަނެކެވެ.
މި ކާމް ރޫމްގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކާއިގުޅޭ ތަފާތު ސެންސަރީ އައިޓަމްތަކާއި، އެކްޓިވިޓީސްތަކުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. ހަމައެއާއެކު، ފަސިންޖަރާއެކު އަންނަ ކޮންމެވެސް އެއް ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ކާމް ރޫމްގައި ހަމަޖެހިފައި ހުންނާނެއެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއެކު ކާޑެއް ލިބިގެންދާނެއެވެ. މި ލެންޔާޑުގެ ސބަބުން، އެ ފަސިންޖަރަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ދެނެގަންނަން ފަސޭހަވެ، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.
އެކުންފުނީގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، މިހާރަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމެވެ.


