މިފްކޯއަށް މިއަދު މަސް ގަންނަ އަގު 20ރ. އަށް ބޮޑުކޮށްފި
9 ޖޫން 2026 - 04:37

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިންވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިފްކޯއިންވަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައެވެ.

Ad by Hajj Corporation
މިހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މަސް ގަންނަ އަގުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. މިގޮތުން އާދިއްތަ ދުވަހު މިފްކޯއިން މަސް ގަނެފައިވަނީ ކިލޯއެއް 18.50 ރުފިޔާއަށެވެ.
މި ބަދަލުގެނެސްފައި ވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށްވާތީ މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަގޮތެއް ހޯދައިދިނުމަށެވެ.
މިފްކޯއިން ބުނީ މަސް ގަންނަ އަގު ބިނާވަނީ، ޑިމާންޑާއި ސަޕްލައިއަށް ކަމަށާއި، މިދުވަސްވަރަކީ، މަސްވެރިކަން ދަށް ދުވަސްވަރެއްނަމަވެސް ކުރިއަށް އޮތް ތަނުގައި މިފްކޯއިން މަސް ގަންނަ އަގު މިހާރަށްވުރެ ރަނގަޅުވުންވެސް އެކަށީގެންވާ ކަމަށެވެ.
ސަރުކާރުން ވަނީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ނިންމާފައެވެ.
މަސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓު ނުކުރާވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރި ސިނާއަތަށް އިންވެސްޓުކޮށްފައެވެ.އެގޮތުން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް އަދި އަގު ހެޔޮކޮށް ތެޔޮ ލިބެނޭ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިމާ ބަނދަރުގެ މަސައްކަތް ވަނީ ފަށާފައެވެ.


