ވިނަރެސްގައި މިފްކޯގެ އައު މަސްފިހާރައެއް: ހަފުތާގެ 7 ދުވަހު ޚިދުމަތް ދޭނެ
10 ސެޕްޓެމްބަރު 2026 - 18:23

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ އައު މަސްފިހާރައެއް ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓުތަކުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ވިނަރެސް 2 ވަނަ ޓަވަރުގެ ތިރީބައިގައި ގާއިމުކޮށްފައިވާ މި ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ ޗެއަރމަން ޢަބްދުﷲ ފާއިޒެވެ.

Ad by Hajj Corporation
މި ފިހާރަ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފިހާރަ ހުޅުވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ އެމްޑީ މުޙައްމަދު އަނަސް ވިދާޅުވީ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ވިޔަފާރި ފުޅާކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ވިނަރެސް ފިހާރައިގެ ސަބަބުން މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެހެން ސިޓީތަކުގައިވެސް ފިހާރަތައް ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްއެބަދޭ. އަދި ޖުލައި މަހު ކަނޑުއޮތްގިރީގައި ހުޅުވި ހިކިމަސް ފެކްޓަރީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުފެއްދުންތައް ފޯރުކޮށްދިނުމުގައި ކުރިން ދިމާވި ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވޭ،" އަނަސް ވިދާޅުވިއެވެ.
ވިނަރެސްގައި ހުޅުވުނު މި ފިހާރައަކީ ހުޅުމާލޭ ފޭސް 2 ގައި މިފްކޯއިން ހުޅުވި ދެވަނަ ފިހާރައެވެ. އަދި މިއީ މުޅި ރާއްޖެއަށް ބަލާއިރު މިފްކޯގެ 6 ވަނަ މަސްފިހާރައެވެ. މީގެ ކުރިން ހުޅުމާލޭ ފޭސް 2 ގެ ހިޔާ 2 ވަނަ ޓަވަރުގައާއި، ފޭސް 1 ގެ ހޮސްޕިޓަލް ކައިރީގައި ފިހާރަތައް ހުޅުވާފައިވާއިރު، މާލޭގެ ހިލާލީމަގާއި ނޯތު ހާބަރުގައިވެސް ފިހާރަތައް ދަނީ ހިންގަމުންނެވެ. އަދި މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ފުރަތަމަ ފިހާރަ މިއަހަރުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ.
މި އައު ފިހާރައިން މިފްކޯގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. މިދިޔަ މަހުން ފެށިގެން މިފްކޯގެ ފިހާރަތައް ހަފުތާގެ 7 ދުވަހު ހުޅުވާ ގޮތަށް ހަމަޖެހިފައިވާއިރު، މި ފިހާރައިންވެސް ހުކުރު ދުވަހު ޚިދުމަތް ލިބޭނެއެވެ. އަދި ހުކުރު ދުވަސްތަކަށް ޚާއްސަކޮށްގެން ތަފާތު އުފެއްދުންތައް ބާޒާރަށް ނެރެމުންދާއިރު، އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މިފްކޯގެ މިފަދަ މަޝްރޫޢުތަކުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދީ، ފެންވަރު ރަނގަޅު އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.


