އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
10 ޖޫން 2026 - 05:07

އައްޑޫ ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ހިތަދޫ / ލާމިޔާގެއާގޭ ބަންދުކުރަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.
ފުލުހުން ބުނިގޮތުގައި މި އަމުރު ނެރެފައިވަނީ 2026 ޖޫން 08 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

Ad by Hajj Corporation
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.


