ބޭނުން ކެނޑުމާއެކު ޔުނައިޓެޑުން ގެނައި ކުނިކޮތަޅު އަނބުރާ ފޮނުވާލަން ނިންމައިފި
11 ޖޫން 2026 - 04:24

މެންޗެސްޓަރ ޔުނައިޓެޑުން ބޭނުން ނެތިގެން ލޯނަށް ބާސެލޯނާއަށް ދޫކޮށްލި ރަޝްފޯޑު ދާއިމީކޮށް އެކުލަބަށް ސޮއި ނުކުރަން ނިންމައިފިއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބާސެލޯނާ ގައި ހޭދަކުރި މުއްދަތުގައި ރަޝްފޯޑު ވަނީ 14 ގޯލާއި 14 އެސިސްޓް ހަދައި ބާސެލޯނާއަށް ދެތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއާއެކު ބާސެލޯނާއިން ރަޝްފޯޑު ދާއިމީކޮށް ސޮއިކުރާނެކަމަށް އުއްްމީދުކުރިނަމަވެސް ފަހުވަގުތު ބާސާއިން ވަނީ އެ ނިންމުން ބަދަލުކޮށް ރަޝްފޯޑު އަނބުރާ ފޮނުވާލަން ނިންމާފައެވެ.
އެގޮތުން ރަޝްފޯޑް ގަތުމަށް ލޯނު އެއްބަސްވުމުގައި ހިމެނޭ، 30 މިލިއަން ޔޫރޯ ދެއްކުމަށްފަހު ދާއިމީކޮށް ގަތުމުގެ އިޚްތިޔާރު ބޭނުން ނުކުރުމަށް އެ ކްލަބުން ވަނީ ނިންމާފައެވެ. މިއާއެކު، ލޯނު މުއްދަތު ހަމަވުމުން ކުރިޔަށް އޮތް 4 ދުވަސްތެރޭގައި އޭނާ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ދާންޖެހޭނެއެވެ.

Ad by Hajj Corporation
މިކަމުގެ އިޝާރާތެއް ރަޝްފޯޑްގެ ފަރާތުން ވެސް ވަނީ ފެނިފައެވެ. އެގޮތުން އޭނާގެ ސޯޝަލް މީޑިއާ ޕްރޮފައިލްތަކުން ބާސެލޯނާގެ ކުޅުންތެރިއެއް ކަމަށް ބުނާ ލިޔުންތައް މިހާރު ވަނީ އުނިކޮށްފައެވެ. މިއީ ބާސެލޯނާގައި އޭނާ ހޭދަކުރި ދުވަސްތައް ނިމުމަކަށް އައިސްފައިވާ ކަމުގެ ވަރުގަދަ ހެއްކެކެވެ.
ނަމަވެސް، ރަޝްފޯޑްގެ ކުރިމަގު ޔުނައިޓެޑުގައި ވެސް އޮތީ ބޮޑު ސުވާލެއްގެ ތެރޭގައެވެ. އިނގިރޭސިވިލާތުގެ ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކްގެ ކުރިމަގުގެ ޕްލޭންތަކުގައި ރަޝްފޯޑް މުހިންމު ދައުރެއް އަދާކުރާނެ ކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އޭނާ ދައްކާ ކުޅުމަށް ބިނާކޮށް މި ނިންމުން ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
ރަޝްފޯޑް ބާސެލޯނާއިން ވަކިވާނެ ކަމަށް ބެލެވޭތާ ހަފްތާތަކެއް ވެފައިވާއިރު، އެ ކްލަބަށް އެންތަނީ ގޯޑަން ގެނައުމަކީ ވެސް ރަޝްފޯޑްގެ ކުރިމަގާ މެދު ޝައްކު އުފެދުނު ކަމެކެވެ. ގޯޑަން ގަތުމަށް ބޮޑު ހޭދައެއް ކުރުމާއި، ބާސެލޯނާގެ ޑިފެންސް ވަރުގަދަކުރުމަށް އިސްކަންދޭން ޖެހިފައިވުމަކީ ރަޝްފޯޑް ދާއިމީކޮށް ގަތުމުގެ ވާހަކަތައް މަޑުޖެހިގެންދިޔަ ސަބަބުތަކެވެ.
ސްޕޯޓްސް ނޫހުން ރިޕޯޓްކުރާ ގޮތުގައި، ރަޝްފޯޑަށް ބާސެލޯނާގެ ދޮރު މުޅިން ބަންދެއް ނުވެއެވެ. މިހާރު އޮތް އަގުގައި އޭނާ ނުގަންނާނެ ކަން ކްލަބުން އޭނާއަށް އަންގާފައިވީ ނަމަވެސް، އަގު ކުޑަކޮށް ނުވަތަ އެހެން ގޮތްގޮތުން އޭނާ މަޑުކުރުވުމުގެ ފުރުސަތުތައް ބާސެލޯނާއިން ދަނީ ބަލަމުންނެވެ.


