ބާސެލޯނާއިން ފަސްލަނޑު ޖެހުމުގެ ސިލްސިލާ ކުރިޔަށް، މިފަހަރު ޗެންޕިއަންސް ލީގުގައި ފޭނޫޑްއާއި ދެކޮޅަށް
10 ސެޕްޓެމްބަރު 2026 - 03:31

ޔުއެފާ ޗެމްޕިއަންސް ލީގުގެ އައު ސީޒަނުގެ ފެށުން ބާސެލޯނާއިން ވަރުގަދަކޮށް، ފެޔެނޫޑް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ. މިމޮމާއެކު ބާސެލޯނާ ވަނީ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން ފަސް ގޯލުޖަހާފައެވެ.
ކޭމްޕް ނޯގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ރަފީނިއާ ދެ ލަނޑު ޖެހިއިރު، ޒުވާން ތަރި ލަމީން ޔަމާލް ވަނީ އެއް ލަނޑު ޖަހައި ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން ކަރީމް އަދެޔެމީ އަދި ގެބްރިއަލް ޖީސުސް ވެސް ވަނީ ބާސެލޯނާގެ ޖާޒީގައި ޔޫރަޕްގެ މުބާރާތްތަކުގައި އެ ކްލަބަށް އެމީހުންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ވާރޭ ވެހެމުންދިޔަ މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލީޑު ނަގާފައެވެ. ޔަމާލް ދިން ބޯޅައަކުން ފެޔެނޫޑްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ރަފީނިއާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފައެވެ. އެއަށްފަހު މެޗުގެ 22 ވަނަ މިނެޓުގައި އަދެޔެމީ ވައަތްފަރާތުން ލިބުނު ފުރުސަތެއްގައި ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދިނެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން ފެޔެނޫޑްގެ ނާޗޯ ފެރީ ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމިތާ މާގިނައިރުތަކެއް ނުވެ، މެޗުގެ 58 ވަނަ މިނެޓުގައި ޕެޑްރީ ދިން ތުރޫ ޕާހަކުން ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޔަމާލް ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، ފެޔެނޫޑުން ވަނީ 82 ވަނަ މިނެޓުގައި ސެމް ސްޓެއިންގެ ލަނޑުން ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް 85 ވަނަ މިނެޓުގައި ޔަމާލް ހުރަސްކޮށްދިން ބޯޅައަކުން ޖީސުސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މި މެޗަކީ ބާސެލޯނާއިން ޔޫރަޕްގެ ޗެމްޕިއަންސް ލީގުގެ ފެށުން އަމިއްލަ ދަނޑުގައި ކުޅުނު 21 ވަނަ ފަހަރެވެ. މި ނަތީޖާއާއެކު ޔޫރަޕްގެ މުބާރާތްތަކުގައި ޑަޗް ޓީމުތަކާ ދެކޮޅަށް އެ ޓީމުން ޖެހި ލަނޑުގެ އަދަދު ވަނީ 36 އަށް އަރާފައެވެ. މި މެޗުގައި ބާސެލޯނާއިން ޖުމްލަ 24 ހަމަލާ އުފައްދައި، އޭގެ ތެރެއިން ނުވަ ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލާފައިވެއެވެ.


