އަތޮޅު ކައުންސިލްތައް އުވާލުމުން އެސްޖީން މަގާމުން ވަކިކޮށްފި
12 ޖޫން 2026 - 07:32

އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން މަގާމުން ވަކިކޮށްފި އެވެ.
އެސްޖީން މަގާމުން ވަކިކުރީ، އަތޮޅު ކައުންސިލްތައް އުވާލުމުންނެވެ. އެސްޖީން ވަކިކުރަން ނިންމާފައިވަނީ ، ގަވައިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި "ރިޑަންޑެންސީ އިނާޔަތް" ލިބޭ ގޮތަށްށެވެ.

Ad by Hajj Corporation
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ އަތޮޅު ކައުންސިލްތަކުގެ ނިމިދިޔަ ދައުރު ހަމަވުމާ އެކު، އެ ކައުންސިލްތައް އުވޭ ގޮތަށެވެ.
އާ ކައުންސިލަރުން މިިދިޔަ މަހުގެ 17 ގައި ހުވާކުރުމާ އެކު އަތޮޅު ކައުންސިލްތައް ވަނީ އުވިފަ އެވެ. އަދި އެ ތަންތަން ބަދަލުކޮށްފައިވަނީ އެލްޖީއޭގެ އަތޮޅު އޮފީހަށެވެ.
ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ.
އަތޮޅު ކައުންސިލް އުވުމާއެކު ސެކްރެޓަރީ ޖެނެރަލުންގެ ވަޒީފާ ގެއްލުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގެންނެވި ބަދަލާ އެކު އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން ކަންކަން ހަމަޖެއްސުމަށް މީގެ ކުރިން އެދިވަޑައިގެންފަ އެވެ.


