ގައުމު ހިންގުމުގެ މައި އިންޖީނަކީ ސިވިލް ސާވިސް، ގައުމުގެ ތަރައްގީ ބިނާވެފައިވަނީ އެ ހިދުމަތް ހަރުދަނާވުމުގެ މައްޗަށް: މުޖުތަބާ
13 ޖޫން 2026 - 16:31

ގައުމު ހިންގުމުގެ މައި އިންޖީނަކީ ސިވިލް ސާވިސް ކަމަށާއި، ގައުމުގެ ކުރިއެރުމާއި ތަރައްގީ ބިނާވެފައިވަނީ އެ ހިދުމަތް ހަރުދަނާވުމުގެ މައްޗަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.
މުޖުތަބާ މިހެން ވިދާޅުވީ "ދިވެހި ސިވިލްސާވިސް ކޮންފަރެންސް 2026" ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
މުޖުތަބާ ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ސަރުކާރުގެ ސިޔާސަތުތައް ހަގީގަތަކަށް ހަދައިދޭ މައިގަނޑު ވަސީލަތަކީ ސިވިލް ސާވިސް ކަމަށެވެ. އަދި ރައްޔިތުން މިއަދު އެދެނީ ފަސޭހަ އަދި އަވަސް ހިދުމަތްތަކަކަށް ކަމަށާއި، ސިވިލް ސާވިސް ހަރުދަނާވެ ރަނގަޅުވެގެން ނޫނީ ގައުމު ކުރިއަރައިގެން ނުދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމެއްގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މުޖުތަބާ ވިދާޅުވީ،މި ކުދިކުދި ޖަޒީރާ ގައުމެއްގައި ލިބިފައިވާ މަދު ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރައްޔިތުން ބޭނުންވާ ފެންވަރަށް ހިދުމަތްދިނުމަކީ، ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ.
އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ސީއެސްސީން އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހިދުމަތް ލަސްވުމާއި ފަރުވާކުޑަވުން ފަދަ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދުމަށްޓަކައި މުވައްޒަފުންގެ ފެންވަރު މަތިކޮށް، ހިންގުން ހަރުދަނާކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިދާރީ ގޮތުން ދިމާވާ ދަތިތައް ނައްތާލައި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް މައުލޫމާތު ބަދަލުކުރުން އަވަސްކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މި ފެށުނު ސިވިލް ސާވިސް ކޮންފަރެންސަކީ މިހާރު ހުރި ގޮންޖެހުންތައް ދެނެގަނެ، ހިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ކުޑަކުރެވޭނެ ގޮތްތައް ހޯދުމަށް ފަހިވާ މުހިންމު ފުރުސަތެއްގެ ގޮތުގައި މުޖުތަބާ ވަނީ ސިފަކުރައްވާފައެވެ.


