ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި
13 ޖޫން 2026 - 03:35

ރާއްޖޭގެ އެކިހިސާބަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

Ad by Hajj Corporation
މޫސުމީ ރިޕޯޓްތައް ދައްކާގޮތުން، މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ހަވަނަ ނަކަތް ކަމަށްވާ "އަދަ" ނަކަތުގެ ދުވަސްވަރެވެ. މި ނަކަތަކީ ޢާންމުކޮށްވެސް ކަނޑުތައް ގަދަވެ، ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިވާ ނަކަތެކެވެ. މެޓް އޮފީހުން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އިހުގެ ދަތުރުވެރިންގެ ތަޖުރިބާއަށް ބަލާއިރު، "އަދަ" ނަކަތުގައި ކޮޅިގަނޑެއް ނަގައިފިނަމަ އޮޑިފަހަރު ބަހައްޓާނީ ކޮޅިގަނޑުގެ މެދާ ދިމާލަށެވެ. އެއީ ވިލާގަނޑުގެ މެދުތެރޭގައި ވައި މަޑުވެފައި، ދެކޮޅުގައި ވައި ބާރުވާތީއެވެ. މި ނަކަތުގައި އެވްރެޖްކޮށް 2.59 އިންޗީގެ ވާރޭ ވެހޭނެ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
މި ނަކަތަށްފަހު ޖުލައި 1 އިން ފެށިގެން އަންނަ "ފުނޯސް" ނަކަތަކީވެސް ގިނަ ކޮޅިގަނޑުތަކެއް ނަގައި، ކުއްލިއަކަށް ވައި ބާރުވާ ނަކަތެކެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.


