ނައިޖީރިއާގެ ރިޓަޔާޑް ޖެނެރަލް އަބޫބަކުރު ރަހީނުކޮށްފައި ހުއްޓާ މަރުވެއްޖެ
13 ޖޫން 2026 - 15:46
ނައިޖީރިއާގެ އުތުރު ހުޅަނގުގައި ހަތިޔާރު އެޅި ބަޔަކު ރަހީނުކުރި އެ ގައުމުގެ އަސްކަރިއްޔާގެ ރިޓަޔާޑް ޖެނެރަލަކު، ރަހީނުކޮށްފައި ހުއްޓާ މަރުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
މަރުވެފައިވަނީ 2015 އާއި 2017 އާ ދެމެދު އަސްކަރިއްޔާގެ ތަރުޖަމާނުގެ މަގާމު ފުރުއްވި މޭޖަރ ޖެނެރަލް ރާބޭ އަބޫބަކުރު އެވެ. އޭނާ ރަހީނުކޮށްފައިވަނީ މިދިޔަ މަހު ކަޓްސީނާ ސްޓޭޓްގައި ދަތުރުކުރައްވަމުން ގެންދަވަނިކޮށް އޭނާގެ އަނބިކަނބަލުންނާ އެކުގައެވެ. މި ހާދިސާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

Ad by Hajj Corporation
ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 61 އަހަރުގެ އަބޫބަކުރު ރަހީނުކުރީ މެއި މަހުގެ 30 ވަނަ ދުވަހު ކައިވެނި ހަފްލާއަކަށް ވަޑައިގަންނަވަނިކޮށް، ހަތިޔާރު އެޅި ބަޔަކު އޭނާގެ އުޅަނދަށް ހަމަލާދީ އޭނާ އާއި އޭނާގެ އަނބިކަނބަލުން އަދި ޑްރައިވަރު އަތުލައިގަނެގެންނެވެ. އޭނާ މަރުވިކަން ހާމަވުމުގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން އޭނާގެ ވާތު ފަޔަށް އަނިޔާވެފައިވާ މަންޒަރު ފެނިފައިވެއެވެ.
ނައިޖީރިއާގެ އަސްކަރިއްޔާއިން ބުނީ، ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސްއެޅިދާނެތީ، މި ހާދިސާއާ ގުޅޭގޮތުން މީގެ ކުރިން އެއްވެސް އެއްޗެއް ހާމަނުކުރީ ކަމަށެވެ. "ސަލާމަތީ އިދާރާތަކުން ކުރިއަށްގެންދިޔަ ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، އޭނާ ސަލާމަތުން އަނބުރާ ގެނައުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުން ދިޔައިރު އަސްކަރިއްޔާއިން އޮތީ ހަނު،" އަސްކަރިއްޔާގެ ބަޔާނުގައިވެއެވެ.
ޖެނެރަލް އަބޫބަކުރުގެ އަނބިކަނބަލުން މިހާރު ހުރި ތަނެއް ނުވަތަ އޭނާގެ ހާލަތެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް، މި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ޓެރަރިސްޓް ނެޓްވޯކްތައް ނައްތާލުމަށް ކުރާ މަސައްކަތްތައް ވަރުގަދަކޮށްފައިވާ ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
މި ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވައި، އަސްކަރިއްޔާއިން ވަނީ ޖެނެރަލް އަބޫބަކުރު ގައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށްފައެވެ. އޭނާއަކީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް އަސްކަރިއްޔާއިން ފާހަގަކުރެއެވެ.


