ފިލިޕީންސްގެ ދެކުނަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
8 ޖޫން 2026 - 03:32

ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނާއޯ ސަރަހައްދަށް ހޯމަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން ޕެސިފިކް ކަނޑުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ. މި ބިންހެލުމަށްފަހު އެ ސަރަހައްދަށް ވަނީ 6.0 މެގްނިޓިއުޑަށް ވުރެ ބާރުގަދަ ތިން އާފްޓަރޝޮކް ހިމެނޭހެން ގިނަ ލޮޅުންތަކެއް އަރާފައެވެ.

Ad by Hajj Corporation
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރް ވަނީ މިންޑަނާއޯގެ އައްސޭރިފަށުގެ ޕްރޮވިންސްތަކަށް ސުނާމީގެ އިންޒާރު ނެރެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުސް ބިންތަކަށް ބަދަލުވުމަށް އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން، ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ހުރިހާ ލެވެލްއެއްގެ ކިޔެވުން މެދުކަނޑާލުމަށް ވެސް ރައީސް ވަނީ އަމުރުކުރައްވާފައެވެ.
އެމެރިކާގެ ސުނާމީ ވޯނިން ސެންޓަރުން ލަފާކުރާ ގޮތުގައި 3 ފޫޓާއި 9 ފޫޓާ ދެމެދުގެ އުސްމިނުގެ ސުނާމީ ރާޅުތަކެއް އެރުމުގެ ފުރުސަތު އެބައޮތެވެ. ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ، ގުއާމް އަދި ނޮދަން މަރިއާނާ އައިލެންޑްސްއަށް ވެސް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ބައެއް ސަރަހައްދުތަކުގެ އިންޒާރު ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް އެމެރިކާ އާއި ކެނެޑާގެ އައްސޭރިފަށަށް ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދެއެވެ.
ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު، ސަރަންގަނީގެ އަލަބެލް ޓައުންގެ ޕޮލިސް އިމާރާތަށް ބައެއް ރެނދުތައް އަރާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ޕޮލިސް ޗީފް ބެންޖީ އަންޗެޓާ ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބައެއް މީހުން ބިރުން ހޭނެތުން ފަދަ ހާދިސާތައް ހިނގި ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (USGS) އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ބިންގަނޑުގެ 34 މޭލު އަޑިން، ބުރިއަސްގެ ހުޅަނގު-ދެކުނުން ގާތްގަނޑަކަށް 15 މޭލު ދުރަށެވެ. ފިލިޕީންސް އާއި އިންޑޮނޭޝިއާ އަކީ ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުން ގިނަ "ޕެސިފިކް ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ދެ ގައުމެވެ.
ބިންހެލުންތަކުގެ ބާރުމިން ބަލާ މިންގަނޑަށް ބަލާއިރު، 7.0 އާއި 7.9 އާ ދެމެދުގެ ބިންހެލުންތަކަކީ ބޮޑެތި ގެއްލުންތައް ލިބޭ ބާރުގަދަ ބިންހެލުންތަކެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ހާލަތު އިތުރަށް މޮނިޓަރ ކުރަމުންނެވެ.


