ގުދުސްގައި ސޯމާލީލޭންޑްގެ އެމްބަސީއެއް ހުޅުވި މައްސަލަ 19 އިސްލާމީ ގައުމަކުން ކުށްވެރިކޮށްފި
25 މޭ 2026 - 02:28

އިސްރާއީލުން ހިފާފައިވާ ގުދުސްގައި ސޯމާލީލޭންޑުން އެމްބަސީއެއް ހުޅުވި ހުޅުވުން ސައުދީ އަރަބިއްޔާއާއި އިސްލާމީ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަރުގަދައަށް ކުށްވެރިކުރައްވައިފިއެވެ.
ސޯމާލީލޭންޑަކީ ސޯމާލިއާއިން ވަކިވެގަތުމަށް މަސައްކަތްކުރާ ސަރަހައްދެކެވެ.

Ad by Hajj Corporation
ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީއެއް ހުޅުވަން ނިންމާފައިވަނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ސަރަހައްދަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމާ ގުޅިގެންނެވެ. އިސްރާއީލަކީ އަމިއްލައަށް މިނިވަންކަން އިއުލާނުކޮށްފައިވާ ސޯމާލީލޭންޑް ބަލައިގަތް އދ. ގެ ފުރަތަމަ އަދި ހަމައެކަނި ގައުމެވެ.
ސައުދީ އަރަބިއްޔާ، ގަތަރު، މިސްރު، އުރުދުން، ތުރުކީ، ޕާކިސްތާން، އިންޑޮނޭޝިއާ، ޖިބޫތީ، ސޯމާލިއާ، ފަލަސްތީން، އޮމާން، ސޫދާން، ޔަމަން، ލުބުނާން، މޮރިޓޭނިއާ، ކުވެއިތު، އަލްޖީރިއާ، ބަންގްލަދޭޝް އަދި މޮރޮކޯގެ ފޮރިން މިނިސްޓަރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "އިސްތިއުމާރުކޮށްފައިވާ ގުދުސްގައި ސޯމާލީލޭންޑުން އެމްބަސީއެއް ހުޅުވުމަށް ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި މިއީ ގުދުސްގެ ގާނޫނީ އަދި ތާރީހީ ހައިސިއްޔަތަށް އަރައިގަތުން ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
މިނިސްޓަރުން ވަނީ ގުދުސްގައި ގާނޫނާ ހިލާފު ހަގީގަތްތަކެއް ގާއިމުކުރުމަށް ނުވަތަ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކާ ހިލާފުވާ ފަރާތްތަކަށް ސައްހަކަން ހޯދައިދިނުމަށް ކުރާ އެއްވެސް މަސައްކަތެއް ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިރުމަތީ ގުދުސްއަކީ 1967 އިން ފެށިގެން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމެއް ކަމަށާއި، އެތަނުގެ ހައިސިއްޔަތު ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތަކީ ބާތިލު ކަމެއް ކަމަށްވެސް ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން، ސޯމާލިއާގެ އެއްބައިވަންތަކަމާއި، މިނިވަންކަމާއި، ސަރަހައްދީ ނަޒާހަތްތެރިކަމަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރައްވަމުން، ސޯމާލިއާގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ނިންމާ އެއްވެސް ނިންމުމެއް ގަބޫލުނުކުރާނެ ކަމަށް އިސްލާމީ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ.


