އެމެރިކާ އާއި އިޒްރޭލަށް "ޑިޕްލޮމެޓިކް އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފި
10 އޭޕްރީލު 2026 - 08:58

ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާ އާއި އިޒްރޭލަށް "ޑިޕްލޮމެޓިކް އެންމެ ބޮޑު ފިއްތުންތަކެއް" ކުރިމަތިކުރުމަށް ޔޫރަޕްގެ އިއްތިހާދުގެ ލީޑަރުންނަށް ޔޫރަޕިއަން ޕާލަމެންޓްގެ ސޯޝަލިސްޓް އެންޑް ޑިމޮކްރެޓްސް (އެސް އެންޑް ޑީ) ގްރޫޕުން ބުރާސްފަތި ދުވަހު ގޮވާލައިފިއެވެ.
މީގެ އިތުރުން، އިޒްރޭލާއެކު ޔޫރަޕްގެ އިއްތިހާދުން ގާއިމުކޮށްފައިވާ އެސޯސިއޭޝަން އެގްރީމެންޓް ސަސްޕެންޑް ކުރުމަށްވެސް އެ ގްރޫޕުން ވަނީ ބާރުއަޅާފައެވެ.

Ad by Hajj Corporation
މިކަމާ ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ފޮން ޑަ ލޭޔަން، ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އަދި ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކާލަސްއަށް ފޮނުއްވި ސިޓީއެއްގައި، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ ޔޫރަޕުން މިއަށްވުރެ ހަރުދަނާ އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.
އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ޖިއޮޕޮލިޓިކަލް ގޮތުންނާއި އާންމު ދިރިއުޅުމުގެ ހަރަދުބަރަދުގެ ގޮތުންވެސް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެކެވެ. އެހެންކަމުން ޔޫރަޕްގެ ފެންވަރުގައި ސިޔާސީ ގޮތުން ވަގުތުން ފިޔަވަޅު އަޅަންޖެހެއެވެ. މިގޮތުން، އެއްވެސް ތަފާތުކުރުމެއް ނެތި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޑިޕްލޮމެޓިކް ގޮތުން އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް ކުރިމަތިކުރުމަށް ޔޫރަޕިއަން ކޮމިޝަނަށާއި ކައުންސިލަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޕާކިސްތާނުގެ މެދުވެރިކަމުގައި އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަރުހަބާ ކިޔާކަމަށާއި، ނަމަވެސް ލުބުނާނުގެ އާންމުންނަށާއި އުމްރާނީ ވަސީލަތްތަކަށް އިޒްރޭލުގެ ސިފައިން ދެމުންދާ ހަމަލާތައް ހުއްޓާލާފައި ނުވާތީ އެކަމުގެ ކަންބޮޑުވުންވެސް އެ ގްރޫޕުން ފާޅުކުރިއެވެ.
ޔޫރަޕްގެ އިއްތިހާދުގެ ގްރޫޕުން ބާރުއެޅީ، ސަރަހައްދުގެ ހަމަނުޖެހުން ބޮޑުވަމުންދާއިރު ޔޫރަޕްގެ އިއްތިހާދުން ހަމައެކަނި ބަލަން ހުރެގެން ނުވާނެ ކަމަށާއި، މަސްރަހު ފިނިކުރުމަށާއި އާންމުން ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އެ ގްރޫޕުން ހުށަހެޅި މައިގަނޑު ކަންތައްތަކުގެ ތެރޭގައި އިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، އީޔޫ-އިޒްރޭލް އެސޯސިއޭޝަން އެގްރީމެންޓް މެދުކަނޑާލުން ހިމެނެއެވެ. މިކަމަށް ގޮވާލާފައިވަނީ ލުބުނާނާއި ގައްޒާގައި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި، ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނު އަލުން ތައާރަފުކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކުރުމަށާއި، ބައިނަލްއަގުވާމީ އަދުލު އިންސާފުގެ ނިޒާމުތަކަށް އެއްބާރުލުން ދިނުމަށާއި، އދ. ގެ އިދާރާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން އިތުރުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެ ސިޓީގައި ވާގޮތުން، އީރާނުގެ ރައްޔިތުންނަށާއި، މުޅި ސަރަހައްދުގެ މަސްލަހަތަށާއި، ޔޫރަޕްގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ވެސް ޑިޕްލޮމެޓިކް ގޮތުން ވަރުގަދަ އަދި އިސްނަގާނެ ސިޔާސަތެއް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އަންގާރަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. ޕާކިސްތާނުގެ މެދުވެރިކަމުގައި އެއްބަސްވި މި ނިންމުމުގެ މަގުސަދަކީ ފެބްރުއަރީ 28 ގައި ވޮޝިންޓަނާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގުފަހިކުރުމެވެ. މި ހަނގުރާމައިގައި އީރާނުގެ އެތައް ހާސް ބަޔަކު މަރުވެ އަދި ޒަހަމްވެފައިވެއެވެ.

.gif&w=1920&q=75)
