އެޑޮޕްޓްކުރި 13 މަހުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށް މަރާލި ޓީޗަރެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
15 ޖޫން 2026 - 16:14

އެޑޮޕްޓްކޮށްގެން ގެންގުޅުނު 13 މަހުގެ ތުއްތު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާ މަރާލި މައްސަލައިގައި އިނގިރޭސިވިލާތުގެ ސްކޫލް ޓީޗަރަކު ކުށްވެރިވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ޕްރެސްޓަން ޑޭވީ ނަމަކަށް ކިޔާ ކުއްޖެކެވެ.
އުމުރުން 37 އަހަރުގެ ޖޭމީ ވަރލީ، މި ކުއްޖާ އެޑޮޕްޓްކުރުމަށްޓަކައި ވަޒީފާއިން އެއް އަހަރުގެ ޗުއްޓީއެއް ނަގާފައިވެއެވެ. 2023 ވަނަ އަހަރުގެ ޖުލައި މަހު ޕްރެސްޓަން މަރުވުމުން، ވަރލީ ފުލުހުންނަށް ބުނެފައިވަނީ ކުއްޖާ މަރުވީ ފެންވަރުވާ ތަށި ތެރެއަށް ގެނބިގެން ކަމަށެވެ. ނަމަވެސް، ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުން، އެ ކުއްޖާގެ ހަށިގަނޑުގެ 40 ތަނަކަށް އަނިޔާ ލިބިފައިވާކަން ވަނީ ހާމަވެފައެވެ.

Ad by Hajj Corporation
މި މައްސަލައިގައި ވަރލީގެ ބައިވެރިޔާ، އުމުރުން 32 އަހަރުގެ ޖޯން މެކްގޯވަން-ފަޒަކަރލީގެ މައްޗަށްވެސް ވަނީ ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކަށް އިހުމާލުވުމުގެ ކުށް ސާބިތުވެފައެވެ. ޕްރެސްޓަން ކޯޓުގައި ކުރިއަށްދިޔަ މި ޝަރީއަތުގައި ހާމަވި ގޮތުގައި، މި ދެމީހުން ޕްރެސްޓަން އެޑޮޕްޓްކުރީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އޭގެ ފަހުން ހޭދަވި ހަތަރު މަސްދުވަހުގެ ތެރޭގައި އެ ކުއްޖާއަށް ބޮޑެތި އަނިޔާތަކާއި ޖިންސީ ގޯނާކޮށްފައިވެއެވެ.
މަރާލި ތުއްތު ކުއްޖާ، ފޮޓޯ: ބީބީސީ
ޕްރެސްޓަން އުފަންވީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އޭނާގެ މަންމަ ސާރާ ޑޭވީއަކީ މީގެ ކުރިން މީހަކު މަރާލި މައްސަލައެއްގައި ޖަލަށްލެވިފައިވާ މީހަކަށްވުމުން، ޕްރެސްޓަން އުފަންވީތާ ފަސް ދުވަހުގެ ތެރޭގައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސް ފޮސްޓަރ ކެއަރގައި ބަހައްޓާފައިވެއެވެ. ކޯޓުގައި ހުކުމް އިއްވި ވަގުތު ޕްރެސްޓަންގެ މަންމައާއި މާމަ ވަނީ ވަރަށް ބޮޑަށް ރޮއި ހިތާމަފާޅުކޮށްފައެވެ.
ތަހުގީގުން ހާމަވި ގޮތުގައި، މި ދެމީހުންގެ ބެލުމުގެ ދަށުގައި ޕްރެސްޓަން ހުރި ދުވަސްވަރު އޭނާއަށް ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުމުގެ އިތުރުން، އެ ކުއްޖާގެ ބޭއަދަބީ ފޮޓޯއާއި ވީޑިއޯވެސް ވަނީ ނަގާފައެވެ. މި މައްސަލައިގައި ކުށްވެރިވި ދެ މީހުންނަށް ހުކުމް ކުރުން އޮންނާނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ.


