ޕޭޕަލްގެ ޚިދުމަތް ލިބޭ ސަރަހައްދުގެ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބޭ ފަޚުރެއް: ނިޔާޒް
16 ޖޫން 2026 - 17:30
.jpg&w=2048&q=75)
ރާއްޖެ ހިމެނޭ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޕޭޕަލްގެ ޚިދުމަތް ލިބޭ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބޭ ފަޚުރެއްކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިފަދައިން ވިދާޅުވީ، ޕޭޕްލަގެ ޚިދުމަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ. ނިޔާޒް ވިދާޅުވީ، ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕޭޕަލްގެ ޚިދުމަތް ލިބެނީ އަތުން ގުނާލެވޭފަދަ މަދު ގައުމަކަށްކަމަށާއި، އޭގެތެރޭގައި ރާއްޖެ ހިމެނުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

Ad by Hajj Corporation
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ހޯދުމަށް ވަކި އެޕްލިކޭޝަނެއް ބޭނުން ނުވާނެ ކަމަށާއި، މި ޚިދުމަތް ބޭނުންކުރެވޭނީ އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ޕޭޕްލަ އެޕެއް ލޯންޗެއް ނުކުރަން ރާއްޖެއަކު. އަޅުގަނޑުމެން ފައިސާ މިދެނީ އެމްފައިސާ މެދުވެރިކޮށް. އަލަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ބޭފުޅަކުވެސް އެމްފައިސާ މެދުވެރިކޮށް އޭގެތެރޭގަ އިންނަ ޕޭޕަލް ކާޑަށް ފިއްތާލީމަ ރަޖިސްޓަރވެސް ކޮށްލެވޭނެ. ކޮންމެހެން ޕޭޕަލް އެޕް އަޅާކަށް ނުޖެހޭނެ އެކަން ކުރާކަށް،" ނިޔާޒް ވިދާޅުވިއެވެ.
މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (SMEs) ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ޚާއްސަކޮށް ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ޕޭޕަލް އައިޑީ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.
މީގެ ސަބަބުން ބޭރުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ތަނަވަސްވެގެންދާނެއެވެ.ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މި ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. މި ޚިދުމަތާއެކު ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.


