logo
Bank of Maldives

Bank of Maldives

ރިޕޯޓް

ރ. ވާދޫގެ ސާފުތާހިރުކަން: ނަމޫނާ ސަގާފަތެއް

ޒިދާން މުޙައްމަދު
17 ޖޫން 2026 - 12:13
ރ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ: ވާދޫ ލައިވް
ރ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ: ވާދޫ ލައިވް

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ރ. ވާދޫއަކީ ސާފުތާހިރުކަމަށް ނަން މަޝްހޫރު، އެކަމުގައި މުޅި ރާއްޖެއަށް ނަމޫނާ ދައްކަމުންދާ ރަށެކެވެ. މި ރަށުގެ ސާފުތާހިރުކަމުގެ އަސްލަކީ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ބަށަވެފައިވާ އާދަކާދަތަކާއި، ވަކިން ހާއްސަކޮށް އަންހެންވެރިން މިކަމަށް ބަހައްޓާ ފަރުވާތެރިކަމެވެ. ވާދޫ އަންހެނަކާ ކައިވެނިކޮށްފިނަމަ، އެމީހަކު ދިރިއުޅޭ ގޯތިގެދޮރު އަބަދުވެސް އޮންނާނީ ފެންނަފަށުން ސާފުކޮށް ކަމަށް ބުނެވޭ ބަހަކީ މިކަމުގެ ހެއްކެކެވެ.

އަންހެންވެރިންގެ ފަތިހުގެ މަސައްކަތް

Ad by Hajj Corporation

Ad by Hajj Corporation

ވާދޫގެ އަންހެންވެރިންގެ ދުވަސް ފެށިގެން އަންނަނީ ސާފުތާހިރުކަމުގެ މަސައްކަތުންނެވެ. ފަތިހު މުދިމު ބަންގި ގޮވުމާއެކު، ނުވަތަ ހާލާއި ކާޅުގެ އަޑު އިވުމާއެކު، ނަމާދުކޮށްލައިގެން އެންމެ ފުރަތަމަ ކުރާ ކަމަކީ ގޯތިތެރެއާއި ގޭގެ ވަށައިގެންވާ މަގުމަތީގެ ސަރަހައްދު ކުނިކަހައި ސާފުކުރުމެވެ. ސައިބުއިމާއި ކެއިންބުއިމުގެ ކަންކަމަށްވުރެ ވެސް އިސްކަންދެނީ ގޭދޮށް ރީތިކުރުމަށެވެ. މިއީ ވާދޫގެ ކޮންމެ ގެއަކުން ފެންނާނެ އާންމު މަންޒަރެކެވެ.

އިސްލާމީ ނަޒަރަކުން ސާފުތާހިރުކަން

ސާފުތާހިރުކަމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބައެކެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ގޮތުގައި ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. ވާދޫގެ ރައްޔިތުން މި ދީނީ އިރުޝާދުތަކަށް އަމަލީ ސިފަ ގެނެސްދެނީ ހަމައެކަނި ޝަޚުސީ ސާފުތާހިރުކަމަކުން ނޫނެވެ. އާންމު ތަންތަނާއި، މިސްކިތްތަކާއި، މަގުތައް ސާފުކޮށް ބެހެއްޓުމަކީ ވެސް އެމީހުންގެ އީމާންކަމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެކެއެވެ. ކީރިތި ޤުރުއާނުގައި ވެސް ﷲގެ ގެފުޅު ސާފުތާހިރުކޮށް ބެލެހެއްޓުމަށް އަމުރުކުރައްވާފައިވުމީ، މިކަމުގެ މުހިންމުކަން އަންގައިދޭ ދަލީލެކެވެ.

undefined

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ --- ފޮޓޯ: ވާދޫ ލައިވް

 

އިލޮށިފައްޗާއި ޒަމާނީ ބަދަލުތައް

ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުނިކެހުމަށް ބޭނުންކުރާ ސާމާނަށް ބަދަލު އައިސްފައިވީ ނަމަވެސް، ވާދޫގެ އަންހެނުން އަދިވެސް އެންމެ ލޯބިކުރަނީ އަމިއްލައަށް ފަން ފީއްސައިގެން ހަދާ އިލޮށިފައްޗަށެވެ. ޕްލާސްޓިކް ފިހިގަނޑުތަކަށްވުރެ އިލޮށިފަތިން ކުނިކެހުމުން ލިބޭ ހިތްހަމަޖެހުން އެކަނބަލުންނަށް މާ ބޮޑެވެ. މި އާދަ ވަނީ ވާދޫގެ އަންހެންވެރިންގެ ފަރާތުން އެ ރަށުގެ އަންހެން ކުދިންނަށް ވެސް ތަރުބިއްޔަތުގެ ތެރެއިން ވާރުތަވެފައެވެ.

ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުން

ވާދޫގެ ސާފުތާހިރުކަން ހަމައެކަނި މީހުން ދިރިއުޅޭ ސަރަހައްދަކަށް ހަނިވެފައެއް ނުވެއެވެ. އެ ރަށުގެ ގޮނޑުދޮށްތަކާއި، ތުނޑި އަދި ފިނޮޅުތަކަކީ ވެސް ނިކަން ޗާލު ތަންތަނެވެ. މޫދަށާއި ގޮނޑުދޮށަށް ކުނި އެޅުމަކީ ވާދޫ މީހުންގެ ސަގާފަތެއް ނޫނެވެ. ކޮންމެ މީހަކުވެސް އެއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓަން މަސައްކަތް ކުރެއެވެ. މިއީ އެތައް އަހަރެއް ކުރިން ފެށިގެން ވާދޫގެ ރައްޔިތުން ފަހުރުވެރިވާ ކަމެކެވެ.

ރ. ވާދޫއަކީ ސާފުތާހިރުކަމުގެ ލާމަސީލު މިސާލެކެވެ. ފަތިހުގެ ހިތްގައިމު ވަގުތުން ފެށިގެން، ރަށުގެ ކޮންމެ ދިމާލަކުން ފެންނަނީ ތަރުތީބުކަމާއި ނަލަކަމެވެ. ދީނީ އަދި އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރާ މި މަސައްކަތުގެ ސަބަބުން ވާދޫއަކީ ދިވެހިރާއްޖޭގެ އެންމެ ސާފު ރަށްތަކުގެ ލިސްޓުގެ ކުރީގައި ގުނާލެވޭ ރަށެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރ. ވާދޫގެ ސާފުތާހިރުކަން: ނަމޫނާ ސަގާފަތެއްރިޕޯޓް | 2 ގަޑިއިރު ކުރިންރ. ވާދޫގައި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރަނީޚަބަރު | 7 ދުވަސް ކުރިންރ. ވާދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ފިޓްނަސް ޕްރޮގްރާމެއް ފަށައިފިޚަބަރު | 8 ދުވަސް ކުރިންޢީދު ދަރުބާރަކަށްފަހު ހަވާ އަރުވައި، ރ. ވާދޫގައި ޢީދުގެ ރަސްމީ ހަރަކާތްތައް ފަަށައިފިޚަބަރު | 22 ދުވަސް ކުރިން