ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް
17 ޖޫން 2026 - 13:31

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ. މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ބިލެއް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޭ 31 ވަނަ ދުވަހު އެ ބިލާ މެދު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

Ad by Hajj Corporation
މަޖިލީހަށް ފޮނުއްވި ސިޓީގައި މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވަނީ ސަރުކާރުން ބިލު ފޮނުވިއިރު 7 ވަނަ މާއްދާގައި ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީޒުކުރާމީހެއްކަމުގައި ނުވުން ކަނޑައަޅާފައި އޮތް ނަމަވެސް ބިލު ފާސްކުރިއިރު އެ ބައިތައް މަޖިލީހުން އުނިކުރައްވާފައިވާތީއެވެ.
ރައީސް ވިދާޅުވީ ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަން ގައިދުވެ، ޚާއްސަ ހާލަތެއްގައި ތިބޭ މީހުން ކަމުގައިވާއިރު އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއްނެތި ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ އިތުރު އުސޫލުތަކެއް ނެތި އެ ފުރުސަތު ދިނުމަކީ ޤާނޫނު ތަންފީޒުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަދާނެ ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި މައްސަލަ ރައީސް މަޖިލީހަށް ފޮނުއްވުމުން ހުރިހާ މެންބަރުންވެސް ވަނީ މިއީ މުހިންމު އަދި ފުޅާ ދާއިރާއެއްގައި ދިރާސާކުރަންޖެހޭ ބިލެއްކަން ފާހަގަކުރައްވައި އެ ބިލު އަލުން ބަލައިގަނެ، އިތުރު އިސްލާހުތައް ގެނައުމަށް ތާޢީދު ކުރައްވާފައެވެ. އެގޮތުން، ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ ވޯޓު ދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.


