ރާއްޖޭގެ އިގްތިސާދު ވަނީ ހަރުދަނާކަން ދައްކުވައިދީފައި: އައިއެމްއެފް
17 ޖޫން 2026 - 16:42

މެކްރޯއިކޮނޮމިކް އަދި މާލީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދު ވަނީ ހަރުދަނާކަން ދައްކުވައިދީފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް އިން މިހެން ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ކުރިމަގުގެ މައްޗަށް އަލިއަޅުވާލައި ނެރުނު ރިޕޯޓެއްގައެވެ.

Ad by Hajj Corporation
މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު އައިއެމްއެފްގެ ވަފުދުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ބޭރުގެ ޑިމާންޑް ވަރުގަދަވުމުގެ ސަބަބުން އިގްތިސާދަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި އާމްދަނީ އިތުރުކުރުމާއި ހަރަދުތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މާލީ އިސްލާހީ މަސައްކަތްތަކުގެ ސަބަބުން، ފައިސާ ހޯދުމަށް ހުރި ބައެއް ދަތިތަކަށް ލުޔެއް ލިބިފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދަރަނި އަދާކުރުމާއި މާލީ ނިޒާމު
ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް، ސުކޫކް ބޮންޑުތަކާއި އަމިއްލަ އަދި ރަސްމީ ފަރާތްތަކަށް ދައްކަންޖެހޭ ލޯނުތައް ހިމެނޭހެން، ރާއްޖެއިން ގަވާއިދުން ދަރަނި އަދާކުރަމުންދާކަން އައިއެމްއެފް އިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ މާލީ ނިޒާމު އޮތީ ހަމަޖެހިފައި ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އިގްތިސާދީ އަންދާޒާއާއި ހުރި ނުރައްކާތައް
އިގްތިސާދީ ކުރިމަގަށް ބަލާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ ކުރިއަރާ މިންވަރު 1 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން އިގްތިސާދު އަލުން ކުރިއަރަން ފަށައި، މެދު ރާސްތާގައި 4 އިންސައްތައިގެ ކުރިއެރުމަކަށް ރުޖޫއަވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ރިޕޯޓުގައިވެއެވެ.
އައިއެމްއެފް އިން އިތުރަށް އިންޒާރު ދީފައިވާ ގޮތުގައި، ޖުމްލަ ބަޖެޓް ޑެފިސިޓާއި ދައުލަތުގެ ދަރަނި އަދިވެސް ހުރީ ވަރަށް މަތީގައެވެ. އަދި ބޭރުގެ ދަރަނި އަދާކުރުމުގައި އޮތް ނުރައްކާ ބޮޑުކަމާއި، ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރަށް ބޮޑުވެދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މި ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް، ބޭރުގެ އިގްތިސާދީ ޑިމާންޑް ފުޅާކުރުމަށްޓަކައި ބައިލެޓަރަލް ޕާޓްނަރުންނާއެކު މިނިވަން ވިޔަފާރިއާއި މާލީ އެއްބަސްވުންތައް ގާއިމުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް އައިއެމްއެފް އިން ވަނީ ފާހަގަކޮށްފައެވެ


