ގްރޭޓަރ މާލޭގެ ދަތުރުފަތުރުގެ މައްސަލަތަކަށް 2028ގެ ކުރިން ހައްލެއް ގެންނަނީ
18 ޖޫން 2026 - 12:47

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް 2028 ވަނަ އަހަރުގެ ކުރިން ރައްޔިތުން ބަލައިގަންނަ ފަދަ ދާއިމީ ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި މާލެ ޓެކްސީލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މާލެ ސަރަހައްދުގައި މީގެ ކުރިން ހައްލުނުވެ ހުރި ދަތުރުފަތުރުގެ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކަމާގުޅޭ ވުޒާރާތަކުން ގުޅިގެން ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ޕާކިންގް މައްސަލައާއި، އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުން ހިމެނޭއިރު، މިކަމާ ގުޅޭ ތަފްސީލީ މަޝްރޫޢުތަކެއް ކުރިއަށް އޮތްތަނުގައި އާންމުކުރައްވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ވަޒީރު އިތުރަށް ވިދާޅުވީ ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުޢިއްޒު އެ އަވަށަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. "ވިލިމާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް ރައީސް މުޢިއްޒު މަސައްކަތް ކުރައްވަމުން ދަނީ މެނިފެސްޓޯގައި އެ ކަންކަން ހިމެނިގެން. ވިލިމާލެއަށް އެންމެ ބޮޑު ސަމާލުކަމެއް ދިން ސަރުކާރަކީ މިއީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި ޚިދުމަތަށް އޮންނަ ތަރުހީބަށް ބަލައި ވިލިމާލޭގެ ޓެކްސީ ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވިލިމާލެ އޮތީ އަޅާނުލެވި ކަމަށާއި، ނަމަވެސް މި ސަރުކާރުން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އަވަށުގެ ތަރައްޤީއަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ހައުސިންގް މަޝްރޫޢުތަކާއި ހޮސްޕިޓަލުގެ މަސައްކަތް ވިލިމާލޭގައި ފެށިގެންދިއުމަކީ ރައީސްގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ޓެކްސީލައިންގެ ޚިދުމަތަކީ މުޅި މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޓެކްސީ ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.


