ނޫސްވެރިކަމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނުނަންގަވާ: މިނިސްޓަރު ސައީދު
11 މޭ 2026 - 10:19

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، ރައީސް އޮފީހުގެ ތެރޭގައި ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވެ، ބައެއް ނޫސްތަކަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެ ނޫސްވެރިއަކު ރައީސް އޮފީހުން މިއަދު ބޭރުކޮށްފައިވަނިކޮށެވެ.

Ad by Hajj Corporation
މިނިސްޓަރު ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަދީފައިވާ ކަމަށާއި، އެއީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމަށެވެ. ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، ވާދަވެރި ސިޔާސީ ޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުޞޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީހުގެ ތެރޭގައި ހަޅުތާލުކުރާ ފަދަ ގޮތްގޮތަށް ކަންކަން ކުރާ ބައެއް ނޫސްތަކުން ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"ނޫސް ކޮންފަރެންސްތަކަކީ ޒާތީ ގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި، ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދެއްވާ މިންވަރަށް ރައީސް ޑރ. މުޢިއްޒު އެ ފުރުޞަތު ދެއްވަމުން ގެންދަވާ ކަމަށެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު، އެއްވެސް މޮޑަރޭޝަނެއް ނެތި، ސީދާ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި، ހުޅުވާލެވިފައިވާ މާޙައުލެއްގައި ސަރުކާރުގެ ސިޔާސަތުތަކާއި ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ދެއްވަނީ ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ހާމަ ކޮށްދެއްވުމަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ނޫސްވެރިން މި އަގުހުރި ފުރުޞަތު ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ބޭނުން ކުރުމަށް އިލްތިމާސްކޮށް ސައީދު ވިދާޅުވީ، ނޫސްވެރިން ވެސް ޝަރުޢީ އަދި ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.


