މެސީ ލައިޓް އެންމެފަހުން ލަވަކިޔަން ފަށައިފި
20 ޖޫން 2026 - 03:12

ބާސެލޯނާގެ އެކަޑަމީން ތަމްރީނުވެ، މިހާރު މޮނާކޯއަށް ކުޅެމުން އަންނަ ހުނަރުވެރި އަންސޫ ފާޓީ، މިއުޒިކް ދާއިރާއަށް ނުކުމެ މުޅި ފުޓްބޯޅަ ދުނިޔެ ސައިޕްރައިޒް ކޮށްލައިފިއެވެ. އުމުރުން 23 އަހަރުގެ ފާޓީ ވަނީ އޭނާގެ ފުރަތަމަ ސިންގަލް ލަވަ "Sea como sea" ރަސްމީކޮށް ނެރެފައެވެ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ އަމިއްލަ ކޮމާޝަލް ލަވައެއް ނެރުނު ބާސެލޯނާގެ ލަ މާސިއާ އެކަޑަމީގެ ފުރަތަމަ ދަސްވެނިޔާއަށެވެ.
ގޯލް.ކޮމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާޓީ ވަނީ މި މަޝްރޫއަށްޓަކައި ސޮނީ މިއުޒިކްގެ ސަބްސިޑަރީއެއް ކަމަށްވާ މިއުޒިކް ބްރޯކާސްއާއެކު ދުނިޔޭގެ ފެންވަރުގައި ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދެ މިނެޓާއި ފަނަރަ ސިކުންތުގެ މި ލަވައިގައި އެފްރޯބީޓްސް، ރެގެޓަން އަދި އަމަޕިއާނޯ ރިދަމްތައް އެކުލެވިގެންވެއެވެ. މިއީ ހަމައެކަނި ވަގުތީ އުފަލަކަށް ކުރި ކަމެއް ނޫން ކަމަށާއި، މިއީ ފާޓީގެ ގިނަ ދުވަސްތަކެއްގެ މަސައްކަތުގެ ނަތީޖާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation
މިއުޒިކަށް ފާޓީގެ ޝައުގުވެރިކަން އުފެދުނީ 2020 ވަނަ އަހަރު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ފަރުވާ ހޯދަމުންދިޔަ ދުވަސްވަރުގައެވެ. އޭނާ ވަނީ މަޝްހޫރު ޕްރޮޑިއުސަރު ގަމްބީނޯއަލަޕްރޮޑް އަދި ފްރާންސްގެ ކުރީގެ ތަރި ޕައުލް ޕޮގްބާއާއެކު ނީސްގެ ސްޓޫޑިއޯތަކުގައި ސިއްރިއްޔާތުގައި މަސައްކަތް ކޮށްފައެވެ. މަޝްރޫއުގެ މެނޭޖްމަންޓުން ބުނާ ގޮތުގައި ފާޓީއަކީ ހަމައެކަނި "ލަވަކިޔާ ފުޓްބޯޅަ ކުޅުންތެރިއެއް" ނޫން ކަމަށާއި، އޭނާއަކީ އަހަރުތަކެއް ވަންދެން ވޯކަލް ލެސަންތަކާއި ޅެންވެރިކަން ދަސްކޮށްފައިވާ ހަގީގީ ފަންނާނެކެވެ.
ފާޓީ އަކީ ދެވަނަ މެސީކަމަށް މީގެކުރިން ގިނަބަޔަކު އައީ ބުނަމުންނެވެ. އެގޮތުން މީގެކުރިން ބާސެލޯނާގައި އޭނާއަށްވަނީ ވަރުގަދަ ކޮންޓްރެކްޓެއްދީ މެސީގެ ލެޖެންޑަރީ 10 ނަންބަރު ޖޯޒީވެސް ދީފައެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ފާޓީ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނު ފްރާންސްގެ މޮނާކޯއަށެވެ.


