ރާއްޖޭގެ ރަސްމީ ރިޒާވް މޭ މަސް ނިމުނުއިރު ދަށަށް ހިނގައްޖެ
20 ޖޫން 2026 - 13:46

ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ މޭ މަސް ނިމުނުއިރު ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 704.7 މިލިއަން ޑޮލަރެވެ.
މިއީ މި އަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 717.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 13.2 މިލިއަން ޑޮލަރުގެ މަދުވުމެކެވެ. ރިޒާވްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާޗް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރިކަން ފާހަގަކުރެވެއެވެ.

Ad by Hajj Corporation
ރަސްމީ ރިޒާވް ދަށަށް ދިޔަ ނަމަވެސް، ދައުލަތުން ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް ވަނީ އެޕްރީލް މަހާ އަޅާބަލާއިރު މޭ މަހު އިތުރުވެފައެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، ރަސްމީ ރިޒާވާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި މޭ މަސް ނިމުނުއިރު ހުރީ 260.78 މިލިއަން ޑޮލަރެވެ.
މި އަދަދަކީ އެޕްރީލް މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރި 244.27 މިލިއަން ޑޮލަރާ އަޅާބަލާއިރު ކުރިއެރުމެކެވެ.
ރަސްމީ ރިޒާވް ދަށަށް ދިއުމަކީ އިގްތިސާދީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަމެއް ނަމަވެސް، ބޭނުންކުރެވޭ ރިޒާވް އިތުރުވުމަކީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.


