logo
Bank of Maldives

Bank of Maldives

ޚަބަރު

ބައި ގަރުނު އިސްލާމް ދީނަށް ޚިދުމަތްކުރެއްވި ސައިޚް އިސްމާއީލް އަވަހާރަވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖޫން 2026 - 03:12
ސައިޚް އިސްމާއީލް
ސައިޚް އިސްމާއީލް

އިސްލާމްދީން ކުރިއެރުވުމުގައި ރާއްޖޭގައި ބައި ގަރުނަށްވުރެ ގިނަ ދުވަހު އަގުހުރި މަސައްކަތްތަކެއް ކުރެއްވި ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދު (ތޮއިބާ ޝައިޚް) ރޭ އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 85 އަހަރުގައި ޝައިޚް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ތަޢުލީމީ ދާއިރާއާއި މަދީނާ ޔުނިވަރސިޓީގެ ފުރަތަމަ ދިވެހި ދަރިވަރު

Ad by Hajj Corporation

Ad by Hajj Corporation

ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢިލް މުޙައްމަދަކީ ސައުދީ އަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތް ފުރަތަމަ ދިވެހި ދަރިވަރެވެ. އެމަނިކުފާނު ވަނީ އެ ޔުނިވަރސިޓީން ކުއްލިއަތުއް ދަޢުވާ ވަލް އުސޫލުއްދީންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައި، ޓީޗިން މެތަޑޮލޮޖީގެ ކޯހެއްވެސް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ޓެމިލްނާޑޫގެ ޖާމިޔާ ދާރުއްސަލާމުންވެސް ތައުލީމު ހާސިލްކުރެއްވިއެވެ.

ދީނީ އިލްމު ފެތުރުއްވުމާއި 'މަދްރަސާ ތޮއިބާ'

ޝައިޚްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ މަދީނާ އިން ކިޔަވައިވިދާޅުވެގެން ވަޑައިގެން، ދިވެހި ކުދިންނަށް އަރަބި ބަހުން އިސްލާމްދީން އުނގަންނައިދިނުމަށް 'މަދްރަސާ ތޮއިބާ' ގެ ނަމުގައި ސްކޫލެއް އުފެއްދެވުމެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނުގެ އެހީތެރިކަމާއެކު އުފެއްދެވި މި މަދަރުސާއަކީ މިއަދުގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ބިންގާ އެޅުނު ތަނެވެ. މީގެ އިތުރުން، 100 އަށްވުރެ ގިނަ ދަރިވަރުންނަށް ޕާކިސްތާނުން މަތީ ތައުލީމުގެ ފުރުސަތު ހޯއްދަވައިދެއްވުމުގައި ޝައިޚް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ލިޔުންތެރިކަމާއި ޤައުމީ އަގުވަޒަންކުރުން

ޝައިޚް އިސްމާޢިލް މުޙައްމަދު ވަނީ ދީނީ ދާއިރާއިން 40 އަށްވުރެ ގިނަ ފޮތް ޝާއިޢުކުރައްވާފައެވެ. އޭގެ ތެރޭގައި މަދީނާގެ ފަހުދު ރަސްގެފާނު މުޞްޙަފް ޗާޕުޚާނާގެ "އައް ތަފްސީރު މުޔައްސަރު" ގެ ދިވެހި ތަރުޖަމާ ހިމެނެއެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ވަނީ އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް ގެ ޝަރަފުވެސް އަރުވާފައެވެ.

ފަހުގެ މަސައްކަތްޕުޅުތަކާއި ޖަނާޒާ

އަވަހާރަވީއިރު ޝައިޚް ގެންދެވީ ހުޅުމާލޭގައި 2000 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށްވާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ" ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ޝައިޚަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ މައިފުށުގެ ބޮޑުދައިތާފުޅުގެ ފިރިކަލުންނެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞަޢީދު ވިދާޅުވި ގޮތުގައި، ޝައިޚްގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައި ގަރުނު އިސްލާމް ދީނަށް ޚިދުމަތްކުރެއްވި ސައިޚް އިސްމާއީލް އަވަހާރަވެއްޖެޚަބަރު | ގަޑިއިރެއް ކުރިންކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފަށާނެޚަބަރު | 16 ދުވަސް ކުރިންރާއްޖެ އިސްލާމްވީތާ 900 އަހަރުވާ މުނާސަބަތާއި ގުޅުވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއްޚަބަރު | 16 ދުވަސް ކުރިން‘’ސަލާމަތް ހިތަކާއިގެން ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ ގިޔާމަތް ދުވަހު ރައްކާތެރިކަމެއްނެތް:’’ޚަބަރު | 25 ދުވަސް ކުރިން