ވަރުގަދަ އުރުގުއާއީވެސް ހިފަހަށްޓައި ކާބޯ ވާޑް ތާރީޚުގެ ތެރެއަށް
22 ޖޫން 2026 - 05:11

ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑްއިން، ވަރުގަދަ އުރުގުއޭއާ ވާދަކޮށް 2-2 އިން އެއްވަރުކޮށް މުބާރާތުގައި އިތުރު ސިއްސުމެއް ގެނެސްދީފިއެވެ. މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި ކޭޕް ވާޑްގެ ކެވިން ޕީނާ ވަނީ އެ ގައުމުގެ ވޯލްޑް ކަޕް ތާރީޚުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ކުރީކޮޅު އުރުގުއޭގެ ރޮޑްރިގޯ ބެންޓަންކޫރު، ކޭޕް ވާޑްގެ ޓެލްމޯ އަކަންޖޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ޕީނާ ވަނީ 32 މީޓަރު ދުރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފައެވެ. މިއީ 1966 ވަނަ އަހަރުން ފެށިގެން ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ގައުމަކުން ހިލޭ ޖެހުމަކުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

Ad by Hajj Corporation
އުރުގުއޭއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ކޭޕް ވާޑްގެ ޑިފެންސަށް ހެދުނު ގޯަހެއްގެ ފައިދާ ނަގައި މެކްސީ އަރައުހޯ ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ކުޑަވަގުތުކޮޅެއް ފަހުން އަގުސްޓިން ކަނޯބިއޯ ވަނީ ލަނޑެއް ޖަހައި އުރުގުއޭއަށް 2-1 ގެ ލީޑެއް ހޯދައިދީފައެވެ.
ނަމަވެސް، ހިތްވަރު އެލުވާނުލައި ކުޅުނު ކޭޕް ވާޑްއިން ވަނީ މެޗުގެ 60 މިނެޓު ފަހުން ނަތީޖާ އެއްވަރުކޮށްފައެވެ. އުރުގުއޭގެ ޑިފެންސަށް ހެދުނު ގޯަހެއްގެ ފައިދާ ނަގައި، ހީލިއޯ ވަރޭލާ ވަނީ ކީޕަރު ފެނާންޑޯ މުސްލޭރާ ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލަކަށް ބޯޅަ ފޮނުވާލާފައެވެ. މެޗުން މޮޅުވުމަށް އުރުގުއޭއިން 17 ހަމަލާ އުފެއްދި ނަމަވެސް، ކޭޕް ވާޑްގެ ދިފާއު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު، ފުރަތަމަ މެޗުގައި ސްޕެއިންއާ އެއްވަރުކުރި ކޭޕް ވާޑް ވަނީ މުބާރާތުގައި އެންމެ ބޮޑު ސިއްސުމެއް ގެނެސްދޭ ޓީމުގެ ގޮތުގައި މަގުބޫލުކަން ހޯދާފައެވެ. ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކު، ގްރޫޕްގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭއިރު، ގަދަ 32 ގެ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެ ގައުމަށް އަދިވެސް އެބައޮތެވެ.


