ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލުން ކާޑަށް ލިމިޓް ދެނީ
25 ޖޫން 2026 - 07:25

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ނިންމައިފިއެވެ.
ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަން އެ ބޭންކަށް ލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން، ބޭންކުން އެކަމަށް އެދޭ ހުރިހާ ދަރިވަރުންނަށް، ވިސާ އަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވިގޮތުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް މީގެ ކުރިން 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ބޭންކުން އައީ ކާޑަށް ލިމިޓް ދެމުންނެވެ.
ބީއެމްއެލް އިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ، އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ދަނީ ހަމަޖައްސައިދެމުންނެވެ. އެގޮތުން ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހެއްގެ މައްޗަށް 1،200 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވެއެވެ. އަދި ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތަޢުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.
މީގެ އިތުރުން ދަރިވަރުންގެ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދަރިވަރުންނަށް ލިބޭނެއެވެ.
ބީއެމްއެލް އިން ވަނީ މި ފުރުސަތުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފައެވެ.


