ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ނިންމައި ސަނަދު ދީފި
27 ޖޫން 2026 - 03:24

ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ ހަތަރުވަނަ ބުރު ނިންމައި، ބައިވެރިންނަށް ސަނަދު އަރުވައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ބުރުގައި ޖުމްލަ 82 ފަރާތަކުން ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަކީވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ.

Ad by Hajj Corporation
ޒުވާން ޚަޠީބުންނާއި، އިމާމުން އަދި ޙާފިޒުންނަށް ޚާއްޞަކޮށްގެން ބޮޑު މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ. މި މަހާސިންތާ ބޭއްވުމަށް ރޭވިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. މި މަހާސިންތާގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ އަށް މިހާރު ވަނީ ދައުވަތު އަރުވާފައެވެ.
ސަރުކާރުގެ އަމާޒަކީ ޖުމްލަ 1,000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ޙާފިޒުން އުފެއްދުމެވެ. ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ޙާފިޒުންގެ އަދަދު މިހާރު ވަނީ 310 އަށް އަރާފައެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ފުރުޞަތު ފުޅާކުރުމުގެ ގޮތުން މިހާރު ވަނީ ކްލާސްތައް އިތުރުކޮށްފައެވެ. މި ވަގުތުވެސް 2,000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިފްޒުކުރަމުންދާކަން ފާހަގަކުރެވެއެވެ.


