ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
29 ޖޫން 2026 - 13:09
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ތާވަލުތަކާ އެއްގޮތަށް މަޝްރޫޢުތައް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ނިންމެވުންތައް ނިންމަވާފައިވަނީ 2026 ޖޫން 28 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

Ad by Hajj Corporation
މި ނިންމެވުމުގެ ދަށުން، ސަރުކާރުގެ މަޝްރޫޢުތައް ވިލަރެސްކުރާ "ދުވެލި" ޕޯޓަލް އާއި މިނިސްޓްރީ އޮފް ފިނޭންސްގެ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް (PIMS)" މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އޭގެ ފަހުން ހުރިހާ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ވަގުތުން ވަގުތަށް އެ ސިސްޓަމްތަކަށް އިތުރުކުރަމުން ގެންދިއުމަށްވެސް ވަނީ ނިންމަވާފައެވެ.
މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކޮންމެ ވުޒާރާއެއްގައިވެސް މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ނިންމަވާފައިވަނީ، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއެކު ފިނޭންސް މިނިސްޓްރީން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށެވެ. މީގެ ބޭނުމަކީ ކަނޑައެޅިފައިވާ ތާރީޚުތަކަށް އެ މަސައްކަތްތައް ނިންމާލުމެވެ.
ދަތުރުފަތުރުގެ ދާއިރާއިން، 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މުޅި ރާއްޖެއަށް އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ ނިންމަވާފައެވެ. މި މަސައްކަތަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަތޮޅުތެރޭގައި ކެމިކަލް ގުދަން ކުރުމުގެ ހުއްދަ ދޭނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުގައި އެފަދަ ތަންތަން ތަރައްޤީކުރުމަށް އެކަނި ކަމަށްވެސް ވަނީ ނިންމަވާފައެވެ.


