ކަނޑުގެ އަޑީގައިވާ އިޤްތިޞާދީ މުއްސަނދިކަން ހޯދަން ވަޒީރުންގެ މަޖިލީހުން ބޮޑު ނިންމެވުމެއް
31 އޯގަސްޓު 2026 - 12:19

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

Ad by Hajj Corporation
ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 2026 އޯގަސްޓް 30 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެންނެވެ.
ސިނާޢަތް ރޭވުމަށް ޚާއްޞަ ބިލެއް ފަރުމާކުރުން
މި ނިންމެވުމާ ގުޅިގެން، ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ އެންމެހާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.
މީގެ އިތުރުން، ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ މުޅި ޤައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފެށިގެން ގޮސްފައެވެ.

-01.jpg&w=3840&q=75)
