އިންވެސްޓްމެންޓެއް ގޮތަށް ބީއެމްލްއަށް ޑޮލަރުމާރުކުރާ ކަސްޓަމަރުންނަށް %25 ފައިދާލިބޭ ނިޒާމެއް ތައާރަފު ކޮށްފި
30 ޖޫން 2026 - 07:13

ބޭންކް އޮފް މޯލްޑިވްސްއަށް ޑޮލަރު ވިއްކައިންގެން 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭ ނިޒާމެއް ބޭންކޮށް އޮފް މޯލްޑިވްސް އިން ތައާރަފު ކޮށްފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކުން ބުނީ ފީގެގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ އިން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation
މި ޚިދުމަތް ތައާރަފްކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ ޢަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އަދި މި ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ޢަދަދު 2 ގުނައަށްވުރެ ވެސް ބޮޑުވެފައިވާ ކަމަށާއި ކޮންމެ މަހަކު ދެލައްކަ ފަންސާސް ހާހާއި ތިންލައްކަ އާއި ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރަމުންދާ ކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވެވި އެވެ.
އެ ހަފްލާގެ ބައިވެރިންނަށް އެފް.އެކްސް އިންވެސްޓްމަންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެޑެމޯއެއް ވެސް ވަނީ ދައްކާފަ އެވެ. އަދި ގައުމީ ބޭންކްގެ ސީއީއޯ ވަނީ ހާޒިރުވެތިބި ފަރާތްތަކާއި މީޑިއާގެސުވާލުތަކަށް ޖަވާބުދެއްވައި، މި ޚިދުމަތުގެ މުހިންމުކަމާއި ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާގުޅޭގޮތުން އިތުރު ތަފްސީލު ދެއްވާފައެވެ.
ބެންކުން ބުނީ ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއިއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއިއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން ތައާރަފުކޮށްފައިވާ ކަމަށެވެ.
އެ ބޭންކުން ބުނީ މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ ކަމަށެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށާއި އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާއި ހަމަޔަށް ފައިދާލިބޭނެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ބޭންކުން މައުލޫމާތުދެ އެވެ.
ބީއެމްލެގެ ސީއީއޯ ޝަރީފު ފާހަގަ ކުރެއްވެވި ގޮތުން މި ހިދުމަތުގެ އެންމެ މުހިއްމު ބޭނުމަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުން ކަމަށެވެ.
"މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި. ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް. މީގެ އިތުރުން، މި ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޑިޖިޓަލް ބޭންކިންގ އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެއް. މިއާއިއެކު ގިނަފަރާތްތަކުގެ ތަނަވަސްކަން އިތުރުވުމާއިއެކު ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް މިވަނީ ފަހިވެފައި." ޝަރީފު ވިދާޅުވި އެވެ.


