ޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލް
1 ޖުލައި 2026 - 08:27

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މިއަދު އައްޔަންކުރައްވައިފިއެވެ.
ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރު ކަމަށާއި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް ފިރުޒުލް އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.

Ad by Hajj Corporation
ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ފިރުޒުލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕްރެޒިޑެންޝިއަލް އެފެއަރސްގެ މަޤާމުގައެވެ. މީގެއިތުރުން، އެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ފިރުޒުލް އަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސް އޮފީހުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ފިރުޒުލް ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.


