ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމާއެކު ތެހެރާނަށް އެތައް ހާސް ބަޔަކު ޖަމާވެއްޖެ
4 ޖުލައި 2026 - 19:49

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޖަނާޒާގެ ހަފްތާއަކަށް ދެމިގެންދާ ރަސްމިއްޔާތުތައް ފެށުމަށް ތެހެރާނުގެ އިމާމް ޚުމައިނީ މުސައްލާ ގްރޭންޑް މިސްކިތަށް ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު އެއްވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އައި.އާރް.އައި.ބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރަސްމިއްޔާތުތައް ފަށާފައިވަނީ ގައުމީ ސަލާމާއި، ގުރުއާން ކިޔެވުމުގެ އިތުރުން ދީނީ ގޮތުން މަރުހޫމަށް ތައުރީފުކޮށް ކިޔާ މަދަހަތަކުންނެވެ. ޚާމަނާއީގެ ސަންދޯއްޕުޅު ބަހައްޓާފައިވަނީ ބިއްލޫރި ކޮޅެއްގެ ތެރޭގައި އާންމުންނަށް ފެންނާނެހެންނެވެ.

Ad by Hajj Corporation
އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ރައްދުގައި ހަމަލާތަކެއް ދީފައެވެ.
ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުންދާތީ، ތެހެރާނާއި މަޝްހަދާ ދެމެދު އިތުރު ފްލައިޓްތައް ބާއްވަން ފަށާފައިވާ ކަމަށް އީރާނުގެ ގައުމީ އެއާލައިނާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެއެވެ. ރަސްމީ ތައުޒިޔާ ކިޔުމުގެ ހަރަކާތްތައް ހުކުރު ދުވަހު ފަށާފައިވާއިރު، ސަރަހައްދީ ގައުމުތަކުގެ ވެރިންނާއި ވަފުދުތަކުން ދަނީ ބައިވެރިވަމުންނެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވާ އިސް ބޭފުޅުންގެ ތެރޭގައި ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑޭވް، ތުރުކީގެ ނައިބު ރައީސް ޖެވްދެތު ޔިލްމާޒް، އިރާގުގެ ރައީސް ނިޒާރު އަމީދީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރު ހިމެނިވަޑައިގަންނަވައެވެ.
ތާވަލްކޮށްފައިވާ ގޮތުން، އާންމުންނަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ޖުލައި 4 އަދި 5 ގައި އޮންނާނެއެވެ. އަދި ޖުލައި 6 ވަނަ ދުވަހު ތެހެރާނުގައި ބޮޑު ހިނގާލުމެއް ބާއްވާނެއެވެ. އޭގެ ފަހުން ޖަނާޒާގެ ކަންކަން ގުމް އަދި އިރާގުގެ ބަޣުދާދު، ނަޖަފް އަދި ކަރުބަލާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފަހުގެ ޖަނާޒާ އާއި ފަސްދާނުލުމުގެ ރަސްމިއްޔާތު އޮންނާނީ ޖުލައި 9 ވަނަ ދުވަހު މަޝްހަދުގައި ހުންނަ އިމާމް އަލީ ރިޒާގެ މަގުބަރާގައެވެ.


