ހދ.އަތޮޅު ކައުންސިލްތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލުމަކީ ލާމަރުކަޒީ ޤާނޫނުގެ މަފްހޫމާ ފުށުއަރާ ކަމެއް: އެލްޖީއޭ
7 ޖުލައި 2026 - 11:11

ހދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކެއް ގުޅިގެން އެ އަތޮޅުގެ ތަރައްޤީއަށް މަސައްކަތްކުރާނެ ވަކި ބޯޑެއް އެކުލަވާލުމަކީ ލާމަރުކަޒީ ޤާނޫނުގެ މަފްހޫމާ ފުށުއަރާ ކަމެއް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
އެލްޖީއޭ އިން މިގޮތަށް ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް ގުޅިގެން އަތޮޅުގެ ތަރައްޤީއަށްޓަކައި ބޯޑެއް އުފެއްދުމަށް ނިންމި ނިންމުމާ ގުޅިގެންނެވެ.

Ad by Hajj Corporation
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ފޮނުއްވި ސިޓީއެއްގައި އެލްޖީއޭ އިން ބުނެފައިވަނީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާޙާއެކު އަތޮޅު ކައުންސިލްތައް އުވާލައި، އެ ކައުންސިލްތަކުން ދެމުންދިޔަ ޚިދުމަތްތަކާއި މަސްއޫލިއްޔަތުތައް އެލްޖީއޭއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މުޅި އިދާރީ ދާއިރާގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެލްޖީއޭގެ ޤާނޫނީ މަސްއޫލިއްޔަތެއް ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
އެލްޖީއޭގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ޤާއިމުކޮށްގެން މަސައްކަތް ކުރުމަކީ ލާމަރުކަޒީ ޤާނޫނުގެ މަފްހޫމާ ފުށުއަރާ ކަމެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށް ނުގެންގޮސް، އެފަދަ ބޯޑެއް އެކުލަވާލުމަށް ނިންމި ޤާނޫނީ އަސާސަކީ ކޮބައިކަން ސާފުކޮށްދިނުމަށްވެސް އެލްޖީއޭ އިން ވަނީ އެދިފައެވެ.
މި ބޯޑު އުފެއްދުމަށް ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީ މޭޔަރާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޖުލައި 15 ގެ ކުރިން ބޯޑުގެ އުސޫލުތައް އެކުލަވާލުމަށެވެ.


