އެލްޖީއޭގެ ބޯޑު މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
4 އޯގަސްޓު 2026 - 19:38

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވަން ނިންމި އިންތިހާބު، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
ކުރިން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކުރި މި އިންތިހާބު ފަސްކުރިކަން އެ އޮތޯރިޓީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

Ad by Hajj Corporation
އެލްޖީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބު ފަސްކުރަން ޖެހުނީ އެކަމާ ގުޅިގެން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ.
މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވާލުމުން، ރަށު ކައުންސިލަރުންގެ ތެރެއިން ކުރިމަތިލައްވާފައިވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު (ޕީއެންސީ) އާއި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ސާފިރު (އެމްޑީޕީ) އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ކުރިމަތިލައްވާފައިވަނީ ލ. ގަމު ކޮމިޓީގެ ރައީސް މަރިޔަމް ނީނާ (އެމްޑީޕީ) އާއި ށ. ފުނަދޫ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާ (ޕީއެންސީ) އެވެ.
އެލްޖީއޭގެ ބޯޑަކީ ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މިނިސްޓަރަކާއި، ސީއީއޯގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރެއްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކު ހިމެނެ އެވެ.
ކައުންސިލްތައް ސުޕަވައިޒްކޮށް، ކައުންސިލަރުން ގާނޫނާ ހިލާފުވާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ އެލްޖީއޭގެ ބޯޑަށް މެމްބަރުން ހޮވުމުގެ އިންތިހާބު ފަސްކުރި އިރު، ދެން އިންތިހާބު ބާއްވާނެ ތާރީހެއް އެ އޮތޯރިޓީން އަދި ހާމައެއް ނުކުރެ އެވެ.


