logoEN
ޚަބަރު

އެމްޑީޕީން ކުންފުނިތައް ''ރޭޕް'' ކޮށް ޤައުމު މިހާލަތަށް ވައްޓާލީ ނޭނގިގެންނެއްނޫން: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ

16 އޮކްޓޯބަރު 2024 - 17:08

އެމްޑީޕީގެ ވެރިކަމުގައި ކުންފުނިތައް ހަދާލިގޮތަށް ކިޔޭނީ ''ރޭޕް ކުރުން'' ކަމަށާއި، އެ ޕާޓީގެ ވެރިކަމުގައި ޤައުމު މިހާލަތަށް ވައްޓާލީ ނޭނގިގެންނެއްނޫންކަމަށް ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު މިރޭ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީން މިރޭ ގެނެސްދިން ''މައުލޫ'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ، 2020 ވަނަ އަހަރު ޕީއެންސީ/ޕީޕީއެމް އިދިކޮޅުގަައި އޮތް އިރު ކޯވިޑްގެ ކުރިން ގޭޓްތައް ބަންދުކުރަން އޭރުގެ ސަރުކާރުގައި އެދުނުކަމަށެވެ. އަދި އެތެރޭގެ އިގްތިސާދު ވަރަގަދަކުރަން ޒިންމާދާރުކަމާއެކު ވަކާލާތު ކުރެއްވި ކަމަށެވެ. ނަމަވެސް ސަރުކާރުން ދިނީ ބީރުކަންފަތެއް، ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

''ކޯވިޑް އެތެރެވީ، ކޯވިޑް ވެގެން ދިޔައީ އެމްޑީޕީގެ ސަރުކާރަށް ރަންގަނޑެއްގެ ގޮތުގައި، 2021 ވަނަ އަހަރު 2022 ވަނަ އަހަރު ނޫސްތަކުގެ ފަލަ ސުރުޚީގައި ހުންނާނެ ޕީޕީއެމް ސަރުކާރުން ފަސް އަހަރުން ނުހޯދުނު އެހީ މި ސަރުކާރުން އެއް އަހަރުގެ ތެރޭގައި ހޯދައިފީމޭ ކިޔައިގެން އެމްޑީޕީގެ ވެރިން ދެއްކި ވާހަކަ، ދެން ފެނުނީ ޓެކްސް ބޮޑުކޮށް، ރައްޔިތުން އަތުން ލާރި ހޯދާފައި ޤައުމު އާރާސްތުކުރުމުގެ މަސައްކަތް ނުކުރިތަން'' ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ އެމްޑީޕީން ކަންކުރީ ވަރަށް ދެރަވަރުކޮށް ކަމަށާއި، ކުންފުނިތައް ވެސް ބަނގުރޫޓްކޮށްލި ކަމަށެވެ. މިސާލެއްގެ ގޮތުން ފެނަކައާއި އާރުޑީސީ ނަންގަވައި، ފެނަކައަށް ބެލިނަމަވެސް، އިންޖީނުތައް އޯވަހޯލެއް ނުކުރާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި ފިލިޓަރުތައް ވެސް އާ ފިލިޓަރު ލެއްވުމުގެ ބަދަލުގައި ބޭނުންކުރީ ދޮވެގެން ކަމަށް ވިދާޅުވިއެވެ.

ހަދަން ފެށި އިންޖީނުގެ ތަކުގެ އޮފިސް އިމާރާތްތައް ހުރީ ހުއްޓިފައި ކަމަށާއި، ނަމަވެސް އެތަންތަނަށް ބޭނުންވާ ފައިސާ ހުރީ ނަގާފައި ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

'' އާރުޑީސީ ވެސް މަޝްރޫޢު ނުހިންގާ ރަށްރަށުގައި އެބަހުރި މީހުން ނަގާފައި، މިސާލަކަށް ފުވައްމުލަކުގައި މަގު ހަދާށޭ ކިޔާފަ 800 މުވައްޒަފުން ނަގާފަ އެބަހުރި، ވަންނާނެ ތަނެއް، އިށީންނާނެ ތަނެއް ނެތް، މިއަށް ކިޔަނީ ކުންފުނިތައް ރޭޕްކުރުން'' ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ، ކޮވިޑްގައި ސަރުކާރުން އެންގުމުން އެބޭފުޅުން ތިއްބެވީ ގޭގައި ކަމަށާއި، ދަތުރު ކުރެވެނީ ސަރުކާރު ބޭފުޅުންނަށް އެކަނި ކަމަށެވެ. އެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖެއަށް ލިބުނުހާ ފައިސާއެއް އެމްޑީޕީމް ބޭނުންކޮށް، އިސްރާފްކުރިކަމަށް ޝުޖާޢު ތުހުމަތު ކުރެއްވިއެވެ.

ކޮމެންޓް

871x217_placeholder