ރާއްޖޭގެ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދުމަށް "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލަނީ
11 ޖުލައި 2026 - 19:49

ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، ދަރިމައިވުމުގެ ނިސްބަތް ދަށްވަމުންދާ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ހެލްތާއި ޔޫއެންއެފްޕީއޭ ގުޅިގެން ނިންމައިފިއެވެ.
މި ސިޔާސަތުތަކަކީ ހަމައެކަނި އިޖުތިމާޢީ ޚިދުމަތްތަކެއް ނޫން ކަމަށާއި، މިއީ މިންތީގެ ހަމަހަމަކަމާއި އިޤްތިޞާދީ ބާރުވެރިކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.

Ad by Hajj Corporation
ރާއްޖޭގެ އާބާދީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 1990 ވަނަ އަހަރު އާބާދީގެ މެދު އުމުރު 16 އަހަރުގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 33 އަހަރަށް މަތިވެފައެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި 2040 ގެ މެދުތެރެއަށް ދާއިރު ރާއްޖެއަކީ އުމުރުން ދުވަސްވީ އާބާދީއެއް އޮތް ޤައުމަކަށް ވެގެންދާނެއެވެ. މި ބަދަލުތަކާއެކު، ޒުވާނުންނަށް ދިމާވާ އިޤްތިޞާދީ ދަތިތަކާއި، ވަޒީފާއާއި އަމިއްލަ ދިރިއުޅުން ބެލެންސް ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ އާބާދީގެ ދެމެހެއްޓެނިވިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، ޒުވާނުންގެ ތެރެއިން 19 އިންސައްތަ މީހުން ވަޒީފާއެއް ނުވަތަ ތަމްރީނެއްގައި ނެތުމަކީ މިވަގުތު އޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ކުދިން ބެލެހެއްޓުމާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގެ ނިޒާމުތައް ލާމަރުކަޒީކޮށް ޤާއިމުކުރުމަކީ އާއިލާތަކުގެ ޒިންމާތައް ލުއިކޮށްދީ، އަންހެނުންނަށް ޤައުމީ ތަރައްޤީގައި ބައިވެރިވުމަށް މަގުފަހިވާނެ ކަމެކެވެ.
ކުރިއަށް އޮތް ތަނުގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު ތިންގުނަ ވާނެތީ، މިހާރުން ފެށިގެން ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑަނާޅައިފިނަމަ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމަށް ބުރަ ބޮޑުވާނެ ކަމަށް އެ ވުޒާރާއިން އިންޒާރުދެއެވެ. މިކަމަށް އޮތް ހައްލެއްގެ ގޮތުން ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި، ފަންނީ ތަމްރީނުތައް އިތުރުކުރުމާއި، ޒުވާނުންނަށް އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މާދަމާގެ އާބާދީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނެ ހަމައެކަނި މަގުކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ދެކެއެވެ.


