ހިމަބިހި ޖެހިގެން ދިވެހި ޒުވާނަކު ނިޔާވެއްޖެ
13 ޖުލައި 2026 - 12:01

ހިމަބިއްސަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ ގދ. ފިޔޯރީ/ ޑްރީމީލައިޓް، އިބްރާހިމް ދިޔާޝް ރަޝީދު (24)އެވެ. އޭނާ ނިޔާވީ ހިމަބިހި ޖެހިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްށެވެ.

Ad by Hajj Corporation
މާލޭގެ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ބާރުމިނުގައި ފެތުރެމުންދާއިރު، މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 66 އަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރުން މަތީގެ މީހުންނެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށްވީ ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ ދިވެހިންގެ ސީދާ އަދަދެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ. މިހާތަނަށް ފެނުނު 66 ކޭސްގެ ތެރެއިން 13 މީހަކަށް މިހާރުވެސް ބަލި ޖެހިފައިވާ އިރު، ބަލި ޖެހުނު މީހުންނާ ބައްދަލުވި ނުވަތަ ކޮންޓެކްޓްވި މީހުންގެ އަދަދު ވަނީ 258 އަށް އަރާފައެވެ.
މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، އަރިދަފުސް ފޭބުން، ކެއްސުން، ކަރުގައި ރިހުން، ވަރުބަލިވުން އަދި ހަށިގަނޑުގައި ރިއްސުމާއި ކާހިތްނުވުން ހިމެނެއެވެ.


