ރައީސް އަބަދުވެސް ރައްޔިތުންނާ ގާތުގައި، ‘’ރައްޔިތުންގެ އަޑު’’ ފުރަތަމަ ބައްދަލުވުމުގައި ނަން ނޯޓު ކުރަން ހުޅުވާލައިފި
13 ޖުލައި 2026 - 12:20

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝަކުވާތަކާއި އިހުސާސްތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation
މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކަށެވެ. އެއީ:
ހުޅުމާލެ އުތުރު ދާއިރާ
ހުޅުމާލެ މެދު ދާއިރާ
ހުޅުދޫ ދާއިރާ
ހޯރަފުށި ދާއިރާ
މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުތައްވެސް މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.
މި ބައްދަލުވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އެވެ.
ރައްޔިތުންގެ އަޑު ސީދާ ގާތުން އެއްސެވުމަށް މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އަމާޒަކީ ދައުލަތުގެ އެންމެ މަތީވެރިޔާއާ ހަމައަށް ރައްޔިތުންގެ ކަންބޮޑުވުންތައް ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލައި، ވަކިވަކި ދާއިރާތަކުން ރައްޔިތުންނާ ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ދާއިމީ ގޮތެއްގައި ފަހިކޮށްދެއްވުމެވެ.
މި ޕްރޮގްރާމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ ވެރިކަމެއް ކުރުމަށް އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.


