ދެ އަހަރުތެރޭ ވެހިކަލް ތޮށްޖެހުމަށް "ވަށާޖެހޭ" ލުޔެއް ލިބޭތޯ މަސައްކަތް ކުރާނަން: މިނިސްޓަރު ސައީދު
13 ޖުލައި 2026 - 13:38

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަލަށް އުފެއްދި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ މެންޑޭޓުގެ ތެރޭއިން މާލޭގައި ދުއްވާ ވެހިކަލްތައް ތޮށްޖެހުމަށް ދެ އަހަރުތެރޭ ވަށާޖެހޭ ލުޔެއް ގެނައުމަށް މަސައްކަތް ކުރަމުން އަންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ އެކު މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަމާ ގުޅުންހުރި ދާއިރަތަކާ އެކު ކުރި މަސައްކަތުގެ ދަށުން 11 ދާއިރާ އަކަށް ބަހާލައިގެން މާލޭ ސަރަހައްދަށް ލުޔެއް ގެނައުމަށް ޕްލޭން އެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ޒަމާނީ އިތުރު ޕާކިންގ ތަކާއި ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމާ އެކު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތައް މަދު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Ad by Hajj Corporation
މިނިސްޓަރު ވިދާޅުވީ މާލޭ ސަރަހައްދުގައި މަގުތަކުގައި ހުރި ތޮށްޖެހުމުގެ މައްސަލަ އެންމެ ބޮޑަށް އެނގިލައްވާނެ އެއް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަމަށެވެ. އެގޮތުން މާލޭ ސިޓީގެ މޭޔަރުކަމުގައި އެމަނިކުފާނު ހުންނެވިއިރު، މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތްތައް ފަށްޓަވާފައިވާ ކަމަށާއި ދޭތެރެ މެދުން އައި ސަރުކާރުން އެ މަސައްކަތް ހުއްޓީފައި އޮތުމަށް ފަހު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އަނެއްކާ ވެސް އެ މަސައްކަތް ފައްޓަވާ ދެއްވާ ނިންމުމަކަށް އައިސްފައިވާ ކަމަށް ވެސް ސައީދު ފާހަގަ ކުރެއްވެވި އެވެ. އަދި މާލޭގެ އެތެރޭގެ މަގުތަކަށް ޒަމާނީ ބަދަލު ގެނައުމަށް ވެސް ޗައިނާ އެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ޒަމާނީ މިބަދަލާ އެކު ވެސް މާލެ އަށް ލުޔެއް އަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ކަމާ ގުޅުން ހުރި މިނިސްޓްރީތަކާއި އޮފީސްތައް އެކުވެގެން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ.


