ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި
14 ޖުލައި 2026 - 13:46

ރާއްޖޭގައި މިއަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި ރިޕޯޓްކުރި ކޭސްތައް މަދުވެފައިވެ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ރާއްޖެއިން ހިމަޖެހިގެން ރިޕޯޓްކޮށްފައި ވަނީ 23 މީހުންނެވެ. މިދިޔަ މެއި މަހު ފުރަތަމަ ކޭސް ފެނުނު ފަހުން، ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބަލިޖެހުނު މީހުންނާ ދިމާވި މީހުން ދެނެގަތުމާއި، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުން ހިމެނެ އެވެ.

Ad by Hajj Corporation
މީގެ ކުރިން ހިމަބިސްއަކީ ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް ދޭތެރެ އަކުން މަދުމަދުން ހިމަ ބިހިޖެހޭ މީހުން ފެންނަމުންދެ އެވެ. މިއަހަރު ހިމަބިހީގެކޭސްތައް ފެންނަން ފެށުމާއެކު އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން ފަށާފައިވެ އެވެ. އެގޮތުން އެކަމަށްޓަކައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް އެޗްޕިއޭ އިން މައުލޫމާތުދެ އެވެ.
އެޗްޕިއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް މުޅި ރާއްޖެ އަށް އަމާޒުކޮށް ފަށާފަ އެވެ އެގޮތުން އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7،100 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. މި ބަލިމަޑުކަމާ ގުޅިގެން އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ބަލިމީހުން އެކަހެރިކޮށް ބޭތިއްބުމަށްޓަކައި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފަސޭހަކަމާއެކު ގައިންގަޔަށް އަރާ މިބަލިން ރައްކާތެރިވުމަށް ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަކީ، ފަރުދީގޮތުން ކުރަންޖެހޭ މުހިއްމު ކަމެއް އެޗްޕިއޭ އިން މައުލޫމާތުދެ އެވެ. އެޗްޕީއޭއިން ބުނީ ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދަންޖެހޭނެ ކަމަށެވެ. ފަރުވާ ހޯދުމުގައި ސިއްޙީ ފަރުވާދޭ ތަނަކަށް ދާއިރުވެސް މާސްކު ބޭނުން ކުރުމަށާއި، ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ނަސޭހަތްތެރިވެފައިވެ އެވެ.


