ހިމަބިހި ކޮންޓްރޯލް ކުރެވިއްޖެ، ބަލި ޖެހިފައި ތިބީ އެންމެ ތިން މީހުން
30 ޖުލައި 2026 - 06:18

ރާއްޖޭގައި ފެތުރެމުންދިޔަ ހިމަބިހި ކޮންޓްރޯލްވެ، މިވަގުތު ހިމަބިހި ޖެހިފައި ތިބީ ތިން މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިބަލި ޖެހިފައިވާ މީހުންނާ ދިމާވި މީހުންގެ އަދަދު މިހާރު ހުރީ 164ގަ އެވެ. ބަލިޖެހިފައިވާ މީހުންނާ ދިމާވާ މީހުން ގައިގައި މިބަލީގެ އަލާމަތްހުރިތޯ 21 ދުވަސްވަންދެން ބަލާނެ އެވެ. ހިމަބި ޖެހިފައިވާ މީހެއް ކަމަށް ބަލާނީ އެބަލީގެ އަލާމަތްފެނި އެހެން މީހުންނަށް އެބަލި ފެތުރިދާނެ ހާލަތުގައި ތިބި މީހުންނެވެ. މިއަހަރުގެ މިހާތަނަށް މިބަލި ޖެހުން މީހުންނާ ދިމާވެގެން 1،664 މީހެއް ގައިގައި މިބަލީގެ އަލާމަތްހުރިތޯ ބަލާފައިވެ އެވެ.

Ad by Hajj Corporation
މި ބައްޔަކީ ރާއްޖޭއިން ނައްތާލާފައިވާ ބައެއްޔެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިން އިއުލާންކޮށްފައިވާ ބައްޔެކެވެ. ނަމަވެސް ރާއްޖެއިން ދޭތެރެ ދޭތެރެއިން މިބަލި ޖެހިފައިވާ މީހުން ފެންނަމުންދެ އެވެ. އަދި މިއަހަރު މިބަލި ފެތުރުން ބޮޑުވެ، މިހާތަނަށް 186 މީހަކަށް މިބަލި ޖެހިފައިވެ އެވެ. އަދި މިބަލީގައި އެކަކު ނިޔާވެފައިވެ އެވެ. މިއަހަރު ހިމަބިހީގެކޭސްތައް ފެންނަން ފެށުމާއެކު އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އެގޮތުން އެކަމަށްޓަކައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް އެޗްޕިއޭ އިން މައުލޫމާތުދެ އެވެ.
ރާއްޖޭގައި މިއަހަރު މިބަލި ޖެހިފައި ވަނީ މުޅިން ވެސް 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. އެޗްޕިއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް މުޅި ރާއްޖެ އަށް އަމާޒުކޮށް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12،000 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. މި ބަލިމަޑުކަމާ ގުޅިގެން އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލުގައި ހާއްސަ އިންތިޒާމުތަކެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން، ބަލިމީހުން އެކަހެރިކޮށް ބޭތިއްބުމަށްޓަކައި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ވެސް ގާއިމުކޮށްފައިވެ އެވެ.
ފަސޭހަކަމާއެކު ގައިންގަޔަށް އަރާ މިބަލިން ރައްކާތެރިވުމަށް ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަކީ، ފަރުދީގޮތުން ކުރަންޖެހޭ މުހިއްމު ކަމެއް އެޗްޕިއޭ އިން މައުލޫމާތުދެ އެވެ. އެޗްޕީއޭއިން ބުނީ ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދަންޖެހޭނެ ކަމަށެވެ. ފަރުވާ ހޯދުމުގައި ސިއްޙީ ފަރުވާދޭ ތަނަކަށް ދާއިރުވެސް މާސްކު ބޭނުން ކުރުމަށާއި، ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ނަސޭހަތްތެރިވެފައިވެ އެވެ.


