އިންޑިއާއެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ގާނޫނީ މަރުހަލައިގައި: ސައީދު
15 ޖުލައި 2026 - 04:26

އިންޑިއާއި ރާއްޖެއާއި ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދެޤައުމު ދެމެދުގައި ޤާއިމް ކުރުމަށް މަސައްކަތް ކުރާ ބައިލެޓްރަލް އިންވެސްޓްމެންޓް މުޢާހަދާ އޮތީ ގާނޫނީ މަރުހަލާގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކުރަންޖެހޭ މަޝްވަރާތަކުގެ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. މިނިސްޓަރު ސައީދު ވަނީ އިންޑިއާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް އެގައުމަށް ވާޑައިގެން މި އެބަސްވުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރައްވާފަ އެވެ.

Ad by Hajj Corporation
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައި ވަނީ ފަތުރުވެރި ކަމަށް ކަމަށާއި ހަމައެކަނި ފަތުރުވެރިކަމުން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ކަމަށެވެ. މި ސަބަބާހުރެ އެހެން ދާއިރާތަކަށް އިގްތިސޯދުފުޅާ ކުރަންޖެހޭ ކަމަށާއި ރާއްޖޭއިން އެހެންގައުމުތަކަށް ބޭރުކުރެވޭނެ އެއްޗެހިބަލައި އަދި މިހާރު ބޭރުކުރާ ސާމާނުން ޑިއުޓީތަކުން ލުއިލިބޭނެ ގޮތްތައް ބަލަންޖެހޭ ކަމަށް ވެސް ސައީދު ފާހަގަ ކުރެއްވެވި އެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން އެކި ދާއިރާތަކުން ވިޔާފަރިތައް ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބޭނެ ކަމަށް ވެސް ސައީދު ވިދަޅުވި އެވެ.


