މާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއް
31 އޯގަސްޓު 2026 - 11:46

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ އިންޑިއާގެ ބަޔަކަށް ދޭން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައި ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ރާއްޖޭގެ ކަނޑުބަނދަރު އިންޑިއާގެ ކުންފުންޏަކަށް ދީފައިވާ ކަމަށާއި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation
ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަފުށީގައި ގާއިމުކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރައްޔިތުންގެ ސައްތައިން ސައްތަ މިލްކިއްޔާތެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބަނދަރު ބިނާކުރައްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
މީގެއިތުރުން، މި ސަރުކާރުގެ ފުރަތަމަ ދައުރުގައި ފަށައި ނިންމާނެ އެންމެ ބިޔަ އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫއަށް މި ބަނދަރު ވެގެންދާނެ ކަމަށް ވިދާޅުވެ، "މި ބޮޑު ހަގީގަތް ދެކެން ނުކުޅެދި، ރޯ ބުހުތާނު ދޮގު ތިލަފުށީ ބަނދަރާމެދު ނުފެތުރުމަށް އިލްތިމާސްކުރަން،" ކަމަށް ސައީދު ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ 80 ޕަސެންޓް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މީގެކުރިން އިއުލާނު ކުރައްވާފައެވެ. ޕޯޓު ހިދުމަތްތަކުގެ ބޮޑު ބައެއް ބަދަލުކުރި ނަމަވެސް، ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓި މެދުވެރިކޮށް ކޮންޓެއިނަރު އުފުލުން ކުރިއަށް ގެންދާނީ މާލޭގެ އެތެރޭގެ ޓްރެފިކަށް ދަތިނުވާނެ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މުޅި ޕޯޓުގެ ނިޒާމު ޑިޖިޓަލައިޒްކޮށް، ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާއިރު، ސަރުކާރުން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުށީގައި ޕޯޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށެވެ.

-01.jpg&w=3840&q=75)
