ފެނާއި ނަރުދަމާ ނުދެވެނީ 6 އިންސައްތަ އާބާދީ އަށް ލަނޑުދަނޑި އަށްވުރެ އަވަހަށް ނިމޭނެ
19 ޖުލައި 2026 - 13:42

ރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުދެވި އޮތީ ގާތްގަނޑަކަށް 6 އިންސައްތަ އާބާދީ އަށް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނެޓްވޯކް މެދުވެރިކޮށް ފެނުގެ ހިދުމަތް ގާއިމުނުކުރެވި އޮތީ 46 ރަށެއްގެ އެވެ. އެއީ އާބާދީގެ 6 އިންސައްތަ އެވެ. އަދި ނަރުދަމާގެ ހިދުމަތް މިހާރު ގާއިމުނުކެރެވި އޮތީ 36 ރަށެއްގެ އެވެ. އެއީ އާބާދީގެ ނިސްބަތުން ބަލާއިރު، 5 އިންސައްތަ އެވެ. އެ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ފެނުގެ ހިދުމަތް މިހާރު ދެމުން އަންނަނީ 143 ރަށަކަށެވެ. އަދި ނަރުދާމާގެ ހިދުމަތް ދެމުން އަންނަނީ 152 ރަށަކަށެވެ.

Ad by Hajj Corporation
އެންވަޔަރަމެންޓް މިނިސްޓްރީގެ ވޯޓާ އެންޑް ސެނިޓޭޝަން ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު މުސްތަފާ ވިދާޅުވީ ރާއްޖޭގެ ބޮޑެތި އާބާތީތައް ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިންމާފައިވާ ކަމަށެވެ. އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ އަށް ފެނާއި ނަރުދަމާ ނިޒާމުދީ ނިންމާލުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ކުރިން ހުރިހާ ރަށަކަށް ހިދުމަތްދެވޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް މިނިސްޓްރީން ވަނީ ފަސް ދާއިރާ އަކަށް ޕޮލިސީތައް ބަހާލާފަ އެވެ. އެއީ ދެމެހެއްޓެނިވި އަގުހެޔޮ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން، ގުދުރަތީ ފެނުގެ ވަސީލަތްތައް ހިމާޔަތްކުރުން، އާޓެކްނޮލަޖީ އާއި އީޖާދުތައް ތައާރަފުކޮށް ޕްރޮމޯޓް ކުރުން، ދާއިރާއާ ގުޅޭ ދިރާސާތައް ކުރުން، ދާއިރާއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހަމަހަމަކަން ކަށަވަރުކުރުން އަދި މީހުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ.


