ޖޫން 27 އިން ފެށިގެން އެމެރިކާއިން ދިން ހަމަލާތަކުގައި މަރުވި އީރާނު މީހުންގެ އަދަދު 50 އަށް
19 ޖުލައި 2026 - 20:09

މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.
އީރާނުގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު ހުސައިން ކަރުމަންޕޫރު، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ހަމަލާތަކުގައި މިހާތަނަށް 517 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ދެ ކުޑަކުދިން ހިމެނޭ އިރު، ޒަޚަމްވި މީހުންގެ ތެރޭގައި 35 އަންހެނުންނާއި 19 ކުޑަކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
ހަމަލާތަކުގައި ޒަޚަމްވި މީހުންނަށް ދެމުންދާ ފަރުވާގެ ތަފްސީލް ހިއްސާ ކުރައްވަމުން ކަރުމަންޕޫރު ވިދާޅުވީ، މިހާތަނަށް 28 މީހެއްގެ ސާޖަރީ ނުވަތަ އޮޕަރޭޝަންތައް ކޮށްފައިވާ ކަމަށެވެ. އަދި ފަރުވާ ފުރިހަމަކުރުމަށްފަހު 468 މީހަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު، 32 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަހަކަށް އައިސް އެމެރިކާއިން އީރާނަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މީގެ ރައްދުގައި އީރާނުންވެސް ދަނީ އެ ސަރަހައްދުގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އީރާނުން ބުނާ ގޮތުގައި އެގައުމުން ހަމަލާ ދެނީ އެމެރިކާ ސިފައިން ބޭނުންކުރާ މަރުކަޒުތަކަށެވެ.
ވޮޝިންޓަނާއި ތެހެރާނާ ދެމެދު ހަމަލާތައް ބަދަލުކުރަން މި ފެށީ، ދެގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ނިމުމަކަށް ގެނެސް ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ޕާކިސްތާނު މެދުވެރިވެގެން މިދިޔަ ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. ނަމަވެސް މި އެއްބަސްވުމާއެކުވެސް ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ނުލިބި، މަސްލަހަތު ވަނީ އިތުރަށް ގޯސްވެފައެވެ.


