ހުޅުމާލޭ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފި
20 ޖުލައި 2026 - 17:31

ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) ގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ހުޅުމާލޭ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ ފަތިހު 3:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
ހުޅުމާލޭ ފޭސް 1 ގެ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތަށް ގެއްލުންދީފައިވާ މަންޒަރު ފެންނަ އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިސްކިތަށް ވަންނަން ހުންނަ މައި ދޮރުގެ ދެ ހިސާބަކުން ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ އެ މުއައްސަސާއިން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މި އަމަލު ހިންގި ބަޔަކު ނުވަތަ މީހަކު ހޯދިފައިވާ ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކަށް ގެއްލުން ދިނުމާއި، މިސްކިތްތަކުގެ ތެރޭގައި ނޭދެވޭ އަމަލުތައް ހިންގުމުގެ މައްސަލަތައް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ފެންމަތިވެފައެވެ. މިއީ މުޖުތަމައުގެ އިހުތިރާމާއި ގަދަރު ލިބިގެންވާ މުގައްދަސް ބިނާތަކަކަށް ވާތީ، މިފަދަ އަމަލުތަކާ ގުޅިގެން އާންމުންގެ ބޮޑު ކަންބޮޑުވުމެއް އަބަދުވެސް އޮވެއެވެ.


