އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުގެ މަގާމަށް އެންޑީ ބާންހަމް އައްޔަންކޮށްފި
20 ޖުލައި 2026 - 17:43

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަމުގެ މަގާމަށް އެންޑީ ބާންހަމް ހޯމަ ދުވަހު އައްޔަންކުރައްވައިފިއެވެ. މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ހަތްވަނަ ބޭފުޅާއެވެ.
ބަކިންހަމް ޕެލަސްގައި އޮތް ރަސްމިއްޔާތެއްގައި، ރަސްގެފާނު ޗާލްސް ތިންވަނަ ވަނީ ސަރުކާރެއް އެކުލަވައިލުމަށް ބާންހަމްގެ ކިބައިން ރަސްމީކޮށް އެދިވަޑައިގެންފައެވެ. ބާންހަމް ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައެވެ.

Ad by Hajj Corporation
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ބާންހަމް ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ސިޔާސީ އަދި އިގްތިސާދީ ނިޒާމަށް އާ ބަދަލުތަކެއް ގެންނާނެ ވަގުތެއް ކަމަށެވެ. އަދި އާންމު ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސް، އަގުތައް ހެޔޮކުރުމަށާއި، އިނގިރޭސި ސިނާއަތްތަކަށް އިސްކަންދީގެން ގައުމުގެ އިގްތިސާދު އާރާާސްތުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބާންހަމްގެ ސިޔާސަތުތަކުގެ ތެރޭގައި ނޯތު ސީ އިން ތެލާއި ގޭސް ހޯދުމުގެ މަސައްކަތް އަވަސްކުރުން ހިމެނެއެވެ. މި ނިންމުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" ގައި ލިޔުއްވާފައިވާ ގޮތުގައި، ނޯތު ސީގެ ތެލަކީ އިންތިހާއަށް އަގުހުރި އެއްޗެކެވެ. އަދި އިނގިރޭސިވިލާތަކީ މިހާރު "ފަގީރުކަމުން ހަލާކުވެފައިވާ" ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، މި ފިޔަވަޅާއެކު އެ ގައުމަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމަށް ވެގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިނގިރޭސި އިގްތިސާދު މި ފަހަކަށް އައިސް ވަނީ މަޑުޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އަންދާޒާކުރެވޭ ގޮތުގައި 2026 ވަނަ އަހަރު އެ ގައުމުގެ އިގްތިސާދު ކުރިއަރާނީ އެންމެ %0.8 ގައެވެ. ހަކަތައިގެ އަގު ބޮޑުވުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ބަރުލަމާނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާކޮށް ތެޔޮ ކޮނުމުގެ މަސައްކަތް ފަށައިފިނަމަ 7.5 ބިލިއަން ފީފާގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން އެ ގައުމުގައި އެބަހުއްޓެވެ.
ބާންހަމް މި މަގާމަށް ވަޑައިގެންނެވީ ކުރީގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސްޓާމަރ އިސްތިއުފާ ދެއްވީ ސިޔާސީ އެކި މައްސަލަތަކާއި، ލޯކަލް އިލެކްޝަންތަކުން ލިބުނު ނާކާމިޔާބީގެ ސަބަބުން އަމިއްލަ ޕާޓީގެ ތެރެއިން ފިއްތުންތައް ކުރިމަތިވުމުންނެވެ.
"ކިންގް އިން ދަ ނޯތު" ގެ ނަމުން މަޝްހޫރުވެފައިވާ ބާންހަމް އަކީ މީގެ ކުރިން ގްރޭޓަރ މެންޗެސްޓާގެ މޭޔަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޓޯނީ ބްލެއަރ އާއި ގޯޑަން ބްރައުންގެ ސަރުކާރުގައި ކެބިނެޓް މިނިސްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
ބާންހަމް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމުން އިންވެސްޓަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެއީ އޭނާއަކީ ސްޓާމަރއަށްވުރެ ބޮޑަށް ވާތުފިޔައިގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅަކަށް ވުމުންނެވެ. ނަމަވެސް ބާންހަމް ވިދާޅުވީ، އޭނާ ހުންނެވީ ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ތައްޔާރަށް ކަމަށެވެ.


