ސްކޫލް ބަންދުތެރޭ 4،000 ވުރެ ގިނަ މީހުން އުމްރާ އަށް
21 ޖުލައި 2026 - 11:51

މި މަހު، ސްކޫލް ބަންދުވުމާ ގުޅިގެން 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފައިވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އަށް ދިން މައުލޫމާތުގައި ބުނެފައި ވަނީ މި ސްކޫލް ބަންދުގައި 30 ގްރޫޕެއްގެ ހަވާލުގައި މީހުން އުމުރާ އަށް ފުރާފައިވާ ކަމަށެވެ. އެގޮތުން މި 30 ގްރޫޕު މެދުވެރިކޮށް 4،364 މީހުން އުމްރާއަށް ފުރާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

Ad by Hajj Corporation
މިނިސްޓްރީން ދިން މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބަޔަކު އުމްރާ އަށް ގޮސްފައި ވަނީ އަލް މުސާފިރު ހައްޖު ގުރޫޕް މެދުވެރިކޮށެވެ. އެ ގްރޫޕްގެ ހަވާލުގައި 1004 މީހުން އުމްރާ އަށް ގޮސްފައިވާއރު ދެވަނަ އަށް އެންމެ ގިނަ މީހުން ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 640 މީހުން އުމްރާ އަށް ގޮސްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން އުމްރާ އަށް ގެންގޮސްފައި ވަނީ ގިބުލަ ގުރޫޕުންނެވެ. އެ ގްރޫޕުން ޖުމްލަ 330 މީހަކު އުމްރާ އަށް ގެންގޮސްފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ކުރިން އުމްރާ އަށް ދަނީ ބޮޑެތި މީހުން އެކަނި ކަމަށެވެ. ނަމަވެސް ފާއިތުވި ފަސް އަހަރުތެރޭގައި ކުޑަކުދިން ވެސް އުމްރާގެ އަޅުކަންކުރަން ދަތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ސްކޫލު ޗުއްޓީއާ ދިމާކޮށް އެކި އުމުރުގެ މީހުން ހިމެނޭ ގޮތަށް އާއިލާތައް އެކުގައި އުމްރާގެ އަޅުކަމަށް ދާކަން ފާހަގަވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.


